ބުރުންޑީއިން ކޮވިޑް-19 ފެނިއްޖެއެވެ.

އެގައުމުން މިހާރު މިވަނީ ދެމީހަކު މި ބައްޔަށް ފައްސިވެފައެވެ.

ބްރުންޑީގެ ހެލްތު މިނިސްޓަރ ޓަޑީ ނިކްމަނާ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ އެގައުމުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ އެގައުމުގެ ދެރައްޔިތެއް ކަމަށެވެ. އެއީ 56 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެކެވެ. އޭގެ ތެރެއިން އެކަކީ ރްވަންޑާ އިން ބްރުންޑީ އަށް ދިޔަ މީހެކެވެ. ދެވަނަ މީހަކީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ބްރުންޑީއަށް ދިޔަ މީހެކެވެ.

ބްޖަމްބޫރާގެ ހޮޓަލެއްގައި މިހާރު މިދެމީހުން ވެސް ވަނީ އެކަހެރި ކޮށްފައެވެ.

ބްރުންޑީ އަކީ އެފްރިކާގެ ގައުމެކެވެ. އެގައުމާއި އެންމެ ކައިރީގައި އޮންނަނީ ކޮންގޯ، ރްވަންޑާ އަދި ޓެންޒޭނިއާ އެވެ. އެގައުމުތަކުގައި ވެސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ރިޕޯޓްތައް އަންނަނީ ލިބެމުންނެވެ.

ބްރުންޑީ އިން ވަނީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ ގައުމުތަކުން އެގައުމަށް ދަތުރު ކުރާ އެންމެން 14 ދުވަސް ވަންދެން ކަރަންޓީން ކުރުމަށް މާޗް މަހުގެ މެދެއްހާ ހިސާބުން ފެށިގެން ނިންމާފައެވެ.

ބްރުންޑީ އިން މިހާތަނަށް ވެސް ވައިރަސް ނުފެނި އޮތީ އެގައުމުން އަޅާފައި އޮތް ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.

އެފްރިކާގެ ގައުމުތަކުގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެން ފަށައިފިނަމަ ބަލި ކޮންޓްރޯލް ކުރަން ދަތިވެ އެތައް މިލިއަން ބަޔަކު މަރުވެދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ގެންދަވަނީ ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު