މިދިޔަ ހަފްތާގައި އިންޑިއާ ސަރުކާރުން މުޅި ގައުމު ފުރަބަންދު (ލޮކްޑައުން) ކުރުމާއި އެކު އެކަން ވެގެން ގޮސްފައި ވަނީ ދުނިޔޭގެ ތާރީޙުގައިވެސް އެންމެ ބޮޑު ފުރަބަންދަށެވެ. 1.3 ބިލިއަން މީހުންގެ އާބާދީ އަކާއި އެކު ދުނިޔޭގެ ދެވަނައަށް އެންމެ މީހުން ގިނަ އިންޑިއާ ފުރަބަންދު ކުރުމާއި އެކު އެ ގައުމުގެ ހާލަތު މިހާރު ވަނީ ވަރަށްވެސް ބޮޑަށް ބަދަލުވެފައެވެ.

މިގޮތުން މީގެ ކުރިން އިންޑިއާގެ މަގުތަކުގައި ހުއްޓުމެއް ނެތި ކާރާއި ސައިކަލުތަކުގެ ބަރުގޮނުގެ އަޑު އިވޭއިރު މިހާރު އެ ގައުމުގެ މަގުތައް ވަނީ މުޅިން އަމާންވެފައެވެ. އެ ގައުމުގެ ރައްޔިތުން މިހާރު ހެނދުނު ހޭލަނީ ހަމަހިމޭންކަމާއި ދޫނިތަކުގެ އަޑަށެވެ. މިއީ އިންޑިއާގެ ދިގު ތާރީޙުގަައިވެސް އެ ގައުމު މިފަދައިން އޮތް ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސިޓީއެވެ. އޭގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ 10 ސިޓީގެ ތެރޭގައި އެ ގައުމުގެ 6 ސިޓީއެއް ހިމެނެއެވެ. އަދި މިކަމުގެ ސަބަބުން ކޮންމެ އަހަރަކުވެސް އިންޑިއާގެ 1.25 މިލިއަން މީހުން މަރުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކަންމިހެން އޮތް ނަމަވެސް، މުޅި ގައުމު ފުރަބަންދުގައި އޮތުމުން މިހާރު އިންޑިއާގެ ހާލަތު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. އެ ގައުމުގެ ބޮޑެތި ސިޓީތަކުގެ ވައި އަންނަނީ މިހާރު ވަރަށް ބޮޑަށް ސާފުވަމުންނެވެ. މިކަމުގެ ފައިދާ އިންސާނުންގެ އިތުރުން ސީދާ ދުނިޔެއަށްވެސް ކުރާނެކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ.

މިހައިތަނަށް އިންޑިއާ އިން 1،300 ށް ވުރެން ގިނަ މީހުން ވައިރަހަށް ފައްސިވެފައި ވާއިރު މަރުވެފައި ވަނީ އެންމެ 35 މީހުންނެވެ. ނަމަވެސް އިންޑިއާ އަށް ވުރެން ކުޑަ އާބާދީތައް އޮންނަ ޔޫރަޕްގެ ގައުމުތަކާއި އެމެެރިކާގެ ސަރުކާރުތަކުން ވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް ނުކުޅެދިފައެވެ.

ގިނަ ދިވެހިންތަކެއްވެސް ދިރިއުޅޭ އިންޑިއާގައި މި މަހުގެ 15 އާއި ހަމައަށް(ޖުމްލަ 3 ހަފްތާގެ މުއްދަތަކަށް) ފުރަބަންދު އިއުލާން ކޮށްފައިވާއިރު ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ބޭރަށް ނިކުމެ އުޅޭ މީހުން ގައިގައި ފުލުހުންނާއި ސިފައިން ދަނީ ދަނޑިން ތަޅައި، ގެތަކަށް ވައްދަމުންކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނުގެދަރި

    މައިސަރުކާރުތަކާ ގުޅުމެއްނެތި މީހުން ދިރިއުޅޭ ވިލެޖްތަކުން ކިތައްމެ ބަޔެއްމަރުވިޔަސް ސަރުކާރު ތަކަށް ނޭންގި އޮތުންއެކަށީގެންވޭ ބޯނެ ފެންފޮދެއް ނުލިބިގެން އުޅޭއިރުވެސް އެކަމަށްވެސް ހައްލެއް ހޯދަނުދޭ ކިތައްމެ އަވަށްތަކެއް އެބަހުރިކަމަށް ވަނީ

    29
    2