ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ސޯމާލިއާގެ ކުރީގެ ބޮޑުވަޒީރު ނޫރު ހަސަން ހުސެއިން އަވަހާރަވެއްޖެއެވެ.

ނޫރު ހަސަން އަވަހާރަވެފައިވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވިތާ ފަސްދުވަސް ފަހުން ލަންޑަނުގެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ނޫރު އަވަހާރަވިއިރު އުމުރުފުޅުން 83 އަހަރު ވަނީ ވެފައެވެ.

ނޫރު ހަސަން ހުސެއިން އަކީ 2007 އިން 2009 ވަނަ އަހަރަށް ސޯމާލިއާގައި ބޮޑުވަޒީރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮވިޑް-19 ޖެހިގެން އެފްރިކާއިން މީގެ ކުރިން އެގައުމުގެ "ކެމެރޫނިއަން ޖޭޒް ލެޖެންޑް" މަނޫ ޑިބަންގޯ އާއި "ކޮންގޮލީޒް މިއުޒިކް ސްޓަރ" އުލުސް މަބެލް ވަނީ ނިޔާވެފައެވެ.

ދުނިޔޭގެ 203 ސަރަހައްދަކަށް މި ބަލި ފެތުރިފައިވާއިރު، ދެކުނު އެފްރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1،353 އަށް އަރާފައެވެ. ސޮމާލިއާއިން މި ބަލި ޖެހިގެން 5 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އެގައުމުން ބަލި ޖެހިގެން އެކަކު ވަނީ ރަނގަޅުވެފައެވެ.

ޑިސެމްބަރު މަހު ޗައިނާއިން ފެތުރެން ފެށި މި ބަލި ދުވަހުން ދުވަހަށް ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުން ޗައިނާގައި އަވަހަށް ބަލި ކޮންޓްރޯލް ކުރެވިދާނެ ކަމާއި މެދު ގިނަ މީހުން ވަނީ ސުވާލު އުފައްދާފައެވެ. އެހެން ނަމަވެސް ޗައިނާ އިން އަވަހަށް އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން މިހާރު ވަނީ ބަލި ކޮންޓްރޯލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު