ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ނުވަލައްކައަށް އަރައިފިއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު 910352 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އޭގެ ތެރެއިން 45498 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވީ 190901 މީހުންނެވެ.

އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާ އިން މިހާތަނަށް 203848 މީހުން ވަނީ ފައްސިވެފައެވެ. އެމެރިކާ އިން މަރުވި މީހުންގެ އަދަދު މިހާރު 4482 އަށް އަރައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ އިޓަލީވިލާތުންނެވެ. އެގައުމުން 110574 މީހަކު ވަނީ ފައްސިވެފައެވެ. އިޓަލީވިލާތުން މިހާތަނަށް 13155 މީހުން ވަނީ މަރުވެފައެވެ.

ތިން ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ސްޕޭނުންނެވެ. ސްޕޭނުން 102136 މީހުން ފައްސިވެފައި ވާއިރު 9053 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.

ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ފުރަތަމަ ބަލި ފެތުރެން ފެށި ޗައިނާ އިންނެވެ. ޗައިނާ އިން 81554 މީހުން ފައްސިވެފައި ވާއިރު މިހާތަނަށް 3312 މީހުން ވަނީ މަރުވެފައެވެ.

ޔޫރަޕްގައި މިހާރު ހާލަތު ގޯސްވަމުންދާ އަނެއް ގައުމަކީ ޖަރުމަންވިލާތެވެ. އެގައުމުން 76544 މީހުން ފައްސިވެ 858 މީހުން މިހާތަނަށް މަރުވެއްޖެއެވެ. ޖަރުމަންވިލާތުގައި ކޮވިޑް-19 ފެތުރެން ފެށުމުން ޓެސްޓް ކުރުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައިކޮށް، ބަލި ކޮންޓްރޯލް ކުރުމުގައި ކުރިއެރުންތަކެއް ހޯދުނު ކަމަށް ރިޕޯޓް ކުރި ނަމަވެސް މިހާރު ޖަރުމަންގައި ބައްޔަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު އަންނަނި އިތުރު ވަމުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ގިނަ ގައުމުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް އެންމެ ބާރަށް މިހާރު ބަލި ފެތުރެމުންދާ އެމެރިކާ އިން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު