އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ދެލައްކަ އަށް އަރައިފިއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު މިހާތަނަށް އެމެރިކާ އިން 205035 ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަދު މިހާތަނަށް އެމެރިކާ އިން 16505 މީހުން ވަނީ ފައްސިވެފައެވެ. އެމެރިކާ އިން މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ. އެމެރިކާ އިން މިހާތަނަށް 4516 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން 463 މީހުން މަރުވީ މިއަދު އެވެ.

އެމެރިކާގެ ސްޓޭޓްތަކުގެ ތަފާސް ހިސާބަށް ބަލާއިރު އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ނިއުޔޯކުންނެވެ. ނިއުޔޯކުން 83712 މީހުން ވަނީ ފައްސިވެފައެވެ. އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވެސް ނިއުޔޯކުންނެވެ. ނިއުޔޯކުން 1941 މީހުން މިހާތަނަށް މަރުވެއްޖެއެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެ، އެންމެ ގިނަ މީހުން މަރުވީ ނިއުޖާޒީންނެވެ. ނިއުޖާޒީން 22255 މީހުން ފައްސިވެ 355 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ.

އެމެރިކާގެ ސްޓޭޓްތައް ކަމަށްވާ މިޝިގަން، އިލޮނޮއިސް، ލޫޒިއާނާ އަދި މެސަޗޫސެޓްގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ދެލައްކަ ފަހަނައަޅައި މައްޗަށް ގޮސްފައި މިވަނީ ކުރިއަށް އޮތީ ވަރަށް އުނދަގޫ ދެހަފްތާ ދުވަސް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައި ވަނިކޮށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާނެ ފިޔަވަޅުތައް ނިންމާ ވައިޓް ހައުސްގެ ޓާސްކް ފޯސް އިން ލަފާކުރާ ގޮތުގައި އެމެރިކާ އިން ހަރުދަނާ ފިޔަވަޅުތަކެއް އެޅިނަމަވެސް ކޮވިޑް-19 ޖެހިގެން އެމެރިކާ އިން ލައްކައަކާއި ދެލައްކަ ފަންސާސް ހާސް މީހުންނާއި ދެމެދުގެ އަދަދެއްގެ މީހުން މަރުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު