ކޮވިޑް-19 ޖެހިފައި ތިބޭ މީހުން މާމުއި، ލުނބޯ އަދި އިނގުރު ފަދަ ތަކެތި ބޭނުން ކުރުމުން ހަށިގަނޑަށް ލުއިވާކަމަށް އަމިއްލައަށް އިހްސާސް ކުރެވޭނަމަ އެފަދަ ތަކެތި ބޭނުން ކުރުން އެއީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެއީ ކޮވިޑް-19 އަށް ފަރުވާއެއް ލިބޭނެ އެއްޗެހި ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ.މައިކަލް ރަޔަން ވިދާޅުވީ ކޮވިޑް-19 އަށް އަދި ފަރުވާއެއް ހޯދިފައި ނެތް ކަމަށެވެ.

"ކޮންމެ މީހަކަށް ވެސް އޮތް ފުރުސަތެއް އެއީ މާމުއި، ލުނބޯ، އިނގުރު ފަދަ ތަކެތި ބޭނުން ކުރުން. އެއީ ބަލި ޖެހިފައި ހުރި މީހާ އަށް ލުއިކަމެއް އިހްސާސް ކުރެވޭނަމަ ކުރަން އެންމެ ރަނގަޅު ކަމެއް. ނަމަވެސް ހީކޮށްގެން ނުވާނެ އެތަކެތީގެ ސަބަބުން ބަލިން ރަނގަޅުވާނެއޭ. އެފަދަ ތަކެއްޗަކީ ކޮވިޑް-19 އިން ރަނގަޅުވުމަށް އޮތް ފަރުވާއެއް ނޫން." ޑރ.ރަޔަން ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރަނގަޅު ވުމަށް ބަނގުރާ ފަދަތަކެތި ބުއިމުން ބަލިން ރަނގަޅުވާ ކަމަށް ވެސް މީގެ ކުރިން ބައެއް މީހުން ބުނެފައި ވެއެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިން މީގެ ކުރިން ބުނެފައި ވަނީ ބަނގުރަލަކީ ކޮވިޑް-19 އިން މީހުން ރައްކާތެރި ކޮށްދޭ އެއްޗެއް ނޫންކަމަށާއި، ބަލި ޖެހިފައި ހުރި މީހަކު ބަނގުރާ ބޮއެގެން އޭނާ ބަލިން ރަނގަޅު ނުވާނެ ކަމަށެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ނުވަތަ ބޭހެއް އުފައްދަން ހުއްޓުމެއް ނެތި ސައިންސްވެރިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަން އަދި ކާމިޔާބީ އާއި ހަމައަކަށް ނުދެއެވެ. ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެންމެ އަވަހަށް ވެސް ކޮވިޑް-19 އަށް ފަރުވާއެއް ހޯދަން 18 ވަރަކަށް މަސްދުވަސް ނެގުން އެކަށީގެންވެއެވެ.