ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން، އުމުރުން އެންމެ 42 ދުވަސްވީ ތުއްތު ކުއްޖަކު މަރުވެއްޖެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިއީ ކޮވިޑް-19 ގެ ޝިކާރައަކަށްވެ ދުނިޔެއިން މިހާތަނަށް މަރުވި އެންމެ ތުއްތު ކުއްޖާއެވެ.

މި ކުއްޖާ މަރުވެފައިވަނީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކަނެކްޓިކަޓްގައި، ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށެވެ. މި ވައިރަސް ޖެހިގެން ފަރުވާދެމުން ދަނިކޮށް އެކުއްޖާ މަރުވެފައިވާކަން ކަނެކްޓިކަޓްގެ ގަވަރުނަރު، ނެޑް ލަމޮންޓް ވަނީ މީސްމީޑިއާގައި ކަށަވަރުކޮށްދީފައެވެ.

ނެޑް ބުނެފައިވާ ގޮތުގައި އެކުއްޖާ އަކީ ކަނެކްޓިކަޓްގެ ހާޓްފޯޑް ސިޓީއަށް ނިސްބަތްވާ ކުއްޖެއް ކަމަށެވެ. ހާލު ދެރެވަގެން އެކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، ނެޑް ބުނެފައިވަނީ ހޮސްޕިޓަލްގައި އެކުއްޖާ އެޑްމިޓްކޮށްފައި ވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. އޭނާ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާކަން އެނގުނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ނެޑް ބުންޏެވެ.

"މިއީ ހިތާމައިން ފުރިގެންވާ ހާދިސާއެއް. މި ތުއްތު ކުއްޖާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެނގުނީ ރޭ ލިބުނު ޓެސްޓުގެ ނަތީޖާތަކުން. އޭރުވެސް އޭނާގެ ހާލު ވަރަށް ދެރަ. ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ މިއަދުގެ ވަގުތެއްގައި. މިއީ މިހާތަނަށް މި ވައިރަސްގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށްދިޔަ އެންމެ ތުއްތު ކުއްޖާ،" ނެޑް ބުނެފައިވެއެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވި ތުއްތު ކުއްޖާ ނިސްބަތްވާ އެމެރިކާ އަކީ ދުނިޔެއިން މި ވައިރަސް ފެނިފައިވާ 200 އަށްވުރެ ގިނަ ޤައުމުތަކުގެ ތެރެއިން މިހާރު ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ. މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމަކީ ވެސް އެއީ އެވެ.

ކޮވިޑް-19 އާއި ބެހޭ ފަހުގެ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 665 މީހަކު ހިމެނޭހެން މިހާތަނަށް އެމެރިކާއިން ޖުމްލަ 4718 މީހަކު ވަނީމި ބަލީގައި މަރުވެފައެވެ. މިއަދު އެކަނިވެސް އެޤައުމުން 22878 މީހަކު މި ވައިރަސް އަށް ފައްސިވެފައިވާކަން އެނގިފައި ވާއިރު، މިހާތަނަށް ޖުމްލަ 211408 މީހަކު އެޤައުމުން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިރު، މިހާތަނަށް ދުނިޔެއިން 930819 މީހަކު މި ވައިރަސް އަށް ފައްސިވެ، އޭގެތެރެއިން 46718 މީހަކު މަރުވެފައި ވެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެއަށް ކުރިމަތިވެފައި ނުވާފަދަ ނުރައްކާތެރި ވައިރަސް އެކެވެ. އާދަޔާއި ޚިލާފަށް ބާރަށް މި ވައިރަސް ދުނިޔޭގައި ފެތުރި، ވައިރަސްގެ ނުރައްކާ ކުރިމަތިވަމުންދާ މިންވަރުގެ ސަބަބުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން އޮތީ މުޅި ދުނިޔެއަށް ސިއްޙީ ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފައެވެ.