ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ސިއްޙީ ސާމާނު ކެނެޑާއިން ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އެޤައުމުގެ އޮފިޝަލުން ބުނެފިއެވެ.

އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ކެނެޑާގެ ހެލްތު މިނިސްޓަރ، ޕެޓީ ހަޔަޑޫ ވިދާޅުވެފައި ވަނީ، ކެނެޑާގައި ވައިރަސް ފެތުރެމުންދާ މިންވަރަށް ބަލާއިރު، ކުރިޔަށް އޮތްތަނުގައި އެޤައުމަށް ބޭނުންވާ ވަރަށް ސިއްހީ ސާމާނު ނެތި ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. އޭނާ މިގޮތަށް ވިދާޅުވެފައި ވަނީ އެޤައުމަށް އެކަށީގެންވާ މިންވަރަށް ކޮވިޑް-19 އާއި ގުޅިގެން ބޭނުންކުރާ ސިއްޙީ ސާމާނު ހުރިތޯ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.

ހަޔަޑޫ ވިދާޅުވެފައި ވަނީ ކެނެޑާގައި ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ބައެއް ހިސާބުތަކުގައި މިހާރުވެސް މިފަދަ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިސް ސަފުގައި އުޅޭ ފަރާތްތަކުން ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރާ ބައެއް ސާމާނުތައްވެސް ލިމިޓްކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކެނެޑާއިން ކޮވިޑް-19 އާއި ގުޅިގެން ބޭނުންވާ ސިއްހީ ސާމާނު ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، އެޤައުމުގެ ބޮޑުވަޒީރު، ޖަސްޓިން ޓްރޫޑޯ ވަނީ އެޤައުމަށް ބޭނުންވާ ސިއްޙީ ސާމާނު ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ކެނެޑާގައި އެތަކެތި އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ޓްރޫޑޯ ވިދާޅުވެފައި ވެއެވެ.

ޓްރޫޑޯ ވިދާޅުވީ، ދުނިޔޭގެ އެތައް ޤައުމަކުން ކޮވިޑް-19 ފެނިފައިވުމާއެކު މި ވައިރަސް އާއި ގުޅުންހުރި ސިއްޙީ ސާމާނަށް ވަރަށް ބޮޑަށް ޑިމާންޑު އިތުރުވެފައިވާ ކަމަށެވެ. އެއާއެކު ބޭނުންވާ މިންވަރަށް އެތަކެތި ހޯދުމަށް، އެހެން ބައެއް ޤައުމުތަކެކޭވެސް އެއްފަދައިން ކެނެޑާއަށްވެސް ދަތިތަކާއި ކުރިމަތިވަމުންދާކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

ކެނެޑާއަކީ ދުނިޔެއިން މިހާތަނަށް ކޮވިޑް-19 ފެނިފައިވާ 202 ޤައުމުގެ ތެރެއިން 15 ވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ޤައުމެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 9677 މީހަކު މި ވައިރަސް އަށް ފައްސިވެފައިވާއިރު، އޭގެތެރެއިން 114 މީހަކު ވަނީ މަރުވެފައެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެޤައުމުން 1065 މީހަކަށް މި ބަލި ޖެހި، 13 މީހަކު މަރުވެފައި ވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އެޤައުމުގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން 120 މީހެއްގެ ހާލު ސީރިއަސް އެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުގައި ވެސް ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެގެން ގޮސްފައެވެ. އެޤައުމުން ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.