ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ނުވަތަ ބަލި ޖެހުނު މީހަކާއި ކައިރީގައި އުޅުމުގެ ސަބަބުން ކަރަންޓީން ވާން ފިލިޕީންސް ސަރުކާރުން އަންގާ މީހުންގެ ތެރެއިން އެއެންގުމާއި ހިލާފުވާ މީހުން މަރާލަން ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އެގައުމުގެ އަސްކަރިއްޔާ އަށް އަމުރު ކުރައްވައިފިއެވެ.

ވަރަށް ހަރުކަށި ވެރިއެއްގެ ގޮތުގައި އަބަދުވެސް ފާހަގަ ކުރެވޭ ޑުޓާޓެ ރޭ ގައުމާއި މުހާތަބު ކުރައްވާ ގައުމީ ޓީވީން ދެއްވި ޚިޠާބެއްގައި ވިދާޅުވީ ކަރަންޓީންގައި ހުންނަ މީހަކު އެއްވެސް "އުނދަގުލެއް ކުރިމަތިކޮށްފިނަމަ" އެފަދަ މީހެއްގެ ގަޔަށް ބަޑި ޖަހާ އެމީހަކު މަރާލަން ސަލާމަތ ބާރުތަކަށް އަންގާފައި ވާނެ ކަމަށެވެ.

"އަހަރެން ބިރެއް ނުގަނޭ. އަހަރެން ފުލުހުންނާއި ސިފައިންނަށް އަމުރު ކޮށްފައި އޮންނާނީ ކަރަންޓީން އަމުރާއި ހިލާފުވާ މީހުން ނުވަތަ ކަރަންޓީން ގައި ހުރެ އެއްވެސް އުނދަގުލެއް ކުރިމަތި ކުރުވާ މީހުންގެ ގަޔަށް ބަޑި ޖަހަން." ޑުޓާޓެ ވިދާޅުވިއެވެ.

ކަރަންޓީން ކޮށްފައި ތިބޭ މީހުން އުނދަގުލެއް ކޮށްފިނަމަ މަރާލަން ޑުޓާޓެ އަމުރު ކުރެއްވިއިރު ފިލިޕީންސްގެ އެންމެ ކުޑަ މުސާރަ ލިބޭ މީހުން ހިމެނޭ ކްއެޒޮން ސިޓީ ފުރަބަންދު (ލޮކްޑައުން) ކުރުމުން އެސަރަހައްދުގެ ފެކްޓްރީއެއްގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ އިއްޔެ މުޒާހަރާ ކޮށްފައެވެ. މުޒާހަރާ ކުރި 21 މުވައްޒަފުން ވަނީ ހައްޔަރު ކޮށްފައެވެ. މުޒާހަރާ ކުރި މުވައްޒަފުންގެ ޝަކުވާއަކީ ފުރަބަންދު ކުރުމުން ފެކްޓްރީ ބަންދު ކުރަން ޖެހި، އެމީހުންނަށް އާމްދަނީ ލިބޭނެ ގޮތްތައް ބަންދުވުމެވެ.

ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ލަސްވާތީ ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުން ގެންދާ ކަމަށާއި ނަމަވެސް އެފަދަ ކަންކަމާއި ޝަކުވާނުކޮށް ތިބުމަށް ޑުޓާޓްގެ ހިޠާބުގައި އެދިވަޑައިގެންނެވިއެވެ. "މަޑުން ތިބުން އެއީ އަހަރެންގެ އިރުޝާދަކީ، އެހީގެ ތަކެތި އަހަރެމެން ޑެލިވަރީ ކޮށްދޭނަން. ނަމަވެސް ކޮންމެވެސް ވަރެއްގެ ލަސްކަމެއް އެކަމަށް އައިސްދާނެ. ސަރުކާރަށް ޖެއްސުންކޮށް، އުނދަގޫ ކުރުމަކުން ވާނެ ފައިދާއެއް ނޯންނާނެ." ޑުޓާޓް ވިދާޅުވިއެވެ.

ފިލިޕީންސްގައި ޑޮކްޓަރުންނާއި ނަރުހުން އެކަށީގެންވާ ގޮތުގައި ހަރަކާތްތެރި ނުވާކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ފިލިޕީންސުން ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި ސްކްރީން ކުރުން އިތުރުކޮށް ބަލި ކޮންޓްރޯލް ކުރާނެ ކަމަށެވެ.

ފިލިޕީންސުން މިހާތަނަށް 2311 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 96 މީހަކު ވަނީ މަރުވެފައެވެ.