ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އޭޝިއާ ސަރަހައްދުގެ އެންމެ ފަގީރު އަވަށުގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާގެ ފިލްމް ސިޓީ މުމްބާއީގެ ދަރާވީ ސްލަމް ސަރަހައްދުން ފެނިއްޖެއެވެ.

މިކަން އެ ގައުމުން ކަަށަވަރު ކޮށްދީފައިވާއިރު އިންޑިއާގެ ވިޔަފާރި މަރުކަޒުގެ ގޮތުގައި ސިފަކުރަމުން އަންނަ މުމްބާއީގައި އޮންނަ ދަރާވީ ސްލަމް އަކީ 50 އޭކަރުގެ ސަރަހައްދެއްގައި ބައި މިލިއަނަށްވުރެ ގިނަ ފަގީރުން ދިރިއުޅެމުންދާ އަވަށެކެވެ. މި ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 56 އަހަރުގެ ފިރިހެނެއް ކަމަށް އެ ގައުމުން ބުނެއެވެ.

އަވަސް ފަރުވާ ނުދެވުމުގެ ސަބަބުން އޭނާ މިހާރު ވަނީ މަރުވެފައެވެ. އަދި ކަމާބެހޭ ފަރާތްތަކުން އަންނަނީ އެތަނުގައި ވައިރަސް ފެތުރުމަކީ ބިރުބޮޑު ކަމެއްކަން ފާހަގަކޮށް، އެ މީހާ އަށް ވައިރަސް ޖެހުނު ގޮތެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ކޮވިޑް-19 އަށް ދުނިޔޭގެ ގައުމުތަކުން ބޮޑެތި ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު މި ބަލިން ދުރުވުމަށް ސޯޝިއަލް ޑިސްޓެންސް އަކީ މުހިންމު ކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިރުޝާދު ދީފައެވެ. ނަމަވެސް އިންޑިއާގެ މިފަދަ އަވަށެއްގައި އަމަލީ ގޮތުން މިކަން ތަންފީޒު ކުރުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.

ދެމީހެއްގެ ދެމެދުގައި ގާތްގަނޑަކަށް 2 މީޓަރުގެ ދުރުމިން ގެންގުޅުމަށް އިރުޝާދު ދެމުން ދިޔަ ނަމަވެސް ޖިފުޓިތަކުން ތޮއްޖެހިފައިވާ ދަރާވީ ސްލަމްގައި މިއީ ނުކުރެވޭނެ ކަމެކެވެ. އަދި މިފަދަ ތަނެއްގައި ކޮވިޑް-19 ފެތުރެން ފަށައިފިނަމަ ސިޓީގެ ގިނަ ބަޔަކު ބައްޔަށް ޕޮސިޓިވްވެ ގިނަ މީހުންގެ ފުރާނަ ދިއުމަކީވެސް އެކަށިގެންވާ ކަަމެކެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު 1.3 ބިލިއަން މީހުން ތިބީ ލޮކްޑައުން ހާލަތުގެ އަމުރުގެ ދަށުގައެވެ. އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2000އަށް ވުރެން މައްޗައް އަރާފައިވާއިރު މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 109 އަށް އަރާފައެވެ.

އިންޑިއާގެ މި ތޮއްޖެހިފައިވާ ސިޓީގައި ކޮވިޑް-19 ގެ ނުރައްކާ އިންތިހާއަށް ދާނެ ކަމުގެ ބިރުވެރިކަން ވަނީ ވަށާލާފައެވެ. މިފަދަ ގޮތަކަށް ތޮއްޖެހިފައިވާ ސަރަހައްދެއްގައި ކޮވިޑް-19 ދެނެގަތުމަކީވެސް އިންތިހާއަށް ގޮންޖެހުން ބޮޑު ކަމެކެވެ. އަދި ފަރުވާ ދިނުމަކީ ވެސް އުދަގޫކަމަކަށް ވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކީކޭ ބުނާނީ

    ތިދިއައީ އިންޑިޔާގެ ދުވަސް. އަދި ވަކިން ހާއްސަކޮށް މުޅި ސްލަމް ހުސްވަންދެން ތިކަމުގައި ފިޔަވަޅެއް އެޅިޔަސް ކުރާނެ ކަމެއް ނެތް

    12
    2
  2. ޝަމީން

    ތިތާތިބޭ މީހުންނަ ކައް ކޮވިޑު މާ ބޮޑު ކަަމަ ކައް ނުވާނެ.. ރާއްޖޭގައިވެސް ތިލަފުށީގަ އުޅޭމީހުންނަ ކައް ކޮވިޑަ ކުން އަސަރެއްނު ކުރާނެ.

    1
    1