ދުނިޔޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ވައިރަސް ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ނެދަލޭންޑުން އަނެއްކާވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ޖުމްލަ 166 މީހަކު ވަނީ މަރުވެފައެވެ. މިއާއިއެކު ވައިރަހުގެ ޝިކާރަ އަކަށްވެ އެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،339ށް އިތުރުވެފައެވެ.

ނެދަލޭންޑުގައި ވައިރަސް ފެތުރެން ފެށީ އެ ގައުމުގެ މީހަކު އިޓަލީ އަށް ގޮސް އެނބުރި ގައުމަށް އައި ފަހުން ކަމުގައިވާއިރު، އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އެ ގައުމުން އެތައް ބަޔަކު ދަނީ މުޅިން އަލަށް ވައިރަހަށް ފައްސިވެ، މަރުވެސް ވަމުންނެވެ.

އެ ގައުމުގައި ވައިރަހުގެ ޝިކާރަ އަކަށްވެ އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ހުސްވި މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް ނެދަލޭންޑުން ޖުންލަ 175 މީހެއްގެ ފުރާނަ ވަނީ ވައިރަހަށް ގެއްލިފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެ ގައުމުން މުޅިން އަލަށް 1،083 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު، ފާއިތުވެދިތަ 2 ދުވަސް ފައްސިވި މީހުންގެ އަދަދު ދަށްވެފައި އަނެއްކާވެސް މިއަދު މިވަނީ އިތުރުވެފައެވެ. މިހާރު އެ ގައުމުން ޖުމްލަ 14،697 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވއ. އަދި އެ ގައުމުގައި ފައްސިވާ މީހުންގެ ތެރެއިން ރަނގަޅު ކުރެވިފައި ވަނީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވަރަށްވެސް މަދު ބައެއްކަން ފާހަގަކޮށްލެވެއެވެ.