ދުނިޔޭގެ ހުރިހައި ގައުމަކަށްހެން ފެތުރިފައިވާ ކޮވިޑް-19ގެ ސަބަބުން ފުރަތަމަ ފަހަރަށް ޒަމްބިއާ އިން މީހަކު މަރުވެއްޖެއެވެ.

މިކަން ހާމަ ކުރައްވަމުން އެ ގައުމުގެ ހެލްތު މިނިސްޓަރު ޗިޓަލީ ޗިލުފްޔާ ވިދާޅުވެފައި ވަނީ އެ ގައުމުން ފުރަތަމަ ފަހަރަށް މީހަކު މަރުވެފައިވާ ކަމަށާއި އަދި މިއަދު މުޅިން އަލަށް 3 މީހަކު ވަައިރަހަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ.

”މިއަދު މަރުވި މީހާ އަކީ މީގެ ކުރިން ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ މީހެއް. އެންމެނަށްވެސް މިހާރު އެނގޭނެ ފަދައިން މި ވައިރަހުގެ ސަބަބުން އެންމެ ނުރައްކާ ބޮޑު ވާނީ މިފަދަ މީހުންނަށް. އޭނާ އަކީ މީގެ ދުވަސްކޮޅެއް ކުރިން ބޭރު ގައުމަކަށް ދަތުރު ކޮށްފައި އެނބުރި ޒަމްބިއާ އަށް އައި މީހެއް“ ހެލްތު މިނިސްޓަރު ޗިޓަލީ ވިދާޅުވިއެވެ.

އިރުމަތީ އެފްރިކާގައި އޮންނަ ޒަމްބިއާ އަކީ 17 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ގައުމެކެވެ. މިހައިތަނަށް އެ ގައުމުން ޖުމްލަ 39 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު މިއަދު ފައްސިވި 3 މީހުންނަކީވެސް ބޭރު ގައުމުތަކަށް ދަތުރު ކޮށްފައި އެނބުރި ޒަމްބިއާ އަށް އައި މީހުން ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޒަމްބިއާ އިން ފައްސިވި އެކަކުވެސް އަދި ރަނގަޅުވެފައި ނުވާއިރު އެފްރިކާ ބައްރުން ޖުމްލަ 6،000 މީހަކު ވައިރަހަށް ފައްސިވެ، 2000 މީހުންގެ ފުރާނަ ވަނީ ވައިރަހަށް ގެއްލިފައެވެ. އަދި ވައިރަސް ފެތުރުމުގެ ކުރިންވެސް މާލީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ޒަމްބިއާ ފަދަ ގައުމުތަކުގެ އިގްތިސާދީ ހާލަތު މިހާރު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، އެފަދަ ގައުމުތަކުން ދަނީ މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކުގެ އެހީ އަށް އެދެމުންނެވެ.