ދުނިޔޭގެ ހުރިހައި ގައުމަކަށް ހެން މިހާރު ފެތުރިފައިވާ ނުރައްކާތެރި ވައިރަސް، ކޮވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތުން އަނެއްކާވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ޖުމްލަ 569 މީހަކު މަރުވެފައި ވާއިރު، މިއީ އެ ގައުމުގައި ވައިރަސް ފެތުރެން ފެށި ފަހުން އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވި ދުވަސްކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން އެ ގައުމުން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އިއްޔެއެވެ. އިއްޔެ ޖުމްލަ 563 މީހަކު ވަނީ މަރުވެފައެވެ. މިއާއިއެކު ވައިރަހުގެ ޝިކާރަ އަކަށްވެ އެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2،921ށް އިތުރުވެފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެ ގައުމުން މުޅިން އަލަށް 4،244 މީހަކު ވައިރަހަށް ފައްސި (ޕޮސިޓިވް) ވެފައިވާއިރު މިއީ ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ އިއްޔެއެވެ. އިއްޔެ ޖުމްލަ 4،324 މީހަކު ފައްސިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިހާރު އިނގިރޭސިވިލާތުން ވައިރަހަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 33،718 ށް ވަނީ އަރާފައެވެ. އެ ގައުމުގެ ހޮސްލިޓަލްތަކުގައި ހާލު ސީރިއަސްވެގެން 163 މީހަކަށް އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ޢެ ގައުމުން ސީރިއަސް ކަމަށް ބުނާ މީހުންގެ އަދަދަށް ވުރެން މާ ގިނައިން މީހުން ދަނީ މަރުވަމުންކަން ފާޙަގަކޮށްލެވެއެވެ.

މީގެ އިތުރުން، އެ ގައުމުން ފަރުވާ ދީގެން މިހައިތަނަށް ރަނގަޅުވެފައި ވަނީ އެންމެ 135 މީހުން ކަމުގައިވާއިރު އެއީ ދުނިޔޭގެ ނިސްބަތުން އެންމެ މަދުން މީހުން ރަނގަޅުވަމުން އަންނަ އެއް ގައުމެވެ.