ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ސައުދީ އަރަބިއާގެ މާތްވެގެންވާ މައްކާ އާއި މަދީނާ ގައި 24 ގަޑިއިރު ކާފިއު ހިންގުމަށް ނިންމައިފިއެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް ކާފިއު ހިންގުމަށް ހަމަޖެހިފައިވިއަސް ބައެއް މަސައްކަތް ކުރަމުން އަންނަ މީހުންނާއި ސިއްހީ ކަންކަމަށާ ކާތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް ގެއިން ބޭރަށް ދެވޭނެ ކަމަށެވެ.

މީގެ އިތުރުން އެސިޓީތަކުގައި ދުއްވަމުން އަންނަ ކާރުތަކުގައި ދަތުރު ކުރެވޭނީ އެންމެ މީހެއް ކަމަށް ވަނީ ނިންމާފައެވެ. މިފަދަ ފިޔަވަޅުތަކެއް އެގައުމުން އަޅާފައިވަނީ މިހާތަނަށް ކޮވިޑް-19 ޖެހިގެން އެގައުމުން މަރުވާ މީހުންގެ އަދަދު ހިފެހެއްޓުމެއްނެތި މަތިވަމުން އަންނާތީއެވެ.

އެގައުމުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 1،885 އަރާފައިވާއިރު، 21 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އޭގެ ތެރެއިން 5 މީހުންނަކީ ފާއިތުވި 24 ގަޑި އިރު މަރުވެފައިވާ މީހުންނެވެ.

ކާފިއުގެ އިތުރުން ސައުދީ އަރަބިއްޔާ އިން މީގެ ކުރިން ވަނީ ބައިނަލްއަގްވާމީ ފްލައިޓްތަކުގެ ދަތުރުތައް މެދުކަނޑާލާފައެވެ. އަދި މީހުން އެއްވެ އުޅޭ ސަރަހައްދުތައް ވަނީ ބަންދުކޮށްފައެވެ.

މިއަދު އެގައުމުގައި 24 ގަޑިއިރު ކާފިއު ހިންގުމަށް ނިންމާފައިވާއިރު، ސައުދީ ރަސްގެފާނު ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މައްކާ އާއި މަދީނާގެ އިތުރުން ވެރިރަށް ރިޔާޒް ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. އަދި މީގެ އިތުރުން ސައުދީގެ 13 ޕްރޮވިންސެއް ބަންދު ކުރުމަށް ވެސް ރަސްގެފާން ވަނީ އަމުރު ކުރައްވާފައެވެ. އޭގެ ތެރޭގައި ވައިރަސް ފުރަތަމަ ފެނުނު އަލް ޤާތިފް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާﷲ

    މުސްލިމުންގެ ލަސްކަރުތަކުން މުޅި ދުނިޔޭގެބިން ތަކަށް ފަތުރުށް ވަވާށި މުސްލިމުން ނަށްނަސްރު ދެއްވާށި މުސްލިމުންގެ އާބާދީ ގިނަ ކުރަށްވާށި އިސްލާމްދީނުގެ ބާރު ގަދަ ކުރަށްވާށި މުސްލިމުން ނަށް ނަސްރުދެއްވާށި އާމީން މިވަގުތު ޖާހިލުން އިލާމްދީ ބަލިކަށި ކުރުމަށް ރާވަމުންދާ ރޭވުންތަކުގެ މަގުތައް ތާއަބަދަންމެ ބަންދު ކުރަށްވާށި އިސްލާމް ދީނުގެ ދުޝްމަނުން ބައިބައިކޮށް ނިކަމެތި ކުރަށްވާށި އިންޝާﷲ

  2. ދީދީ

    ﷲގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާ ގެ މައްޗަށް ކުރެއްވި ދުޢާއެއް އޮންނާނެ. އެއީ އެޒަމާނުގެއޮތް ރޯގާއަކުން ކުޑަކުދިންނާ މުސްކުޅިން ސަލާމަތް ކޮށްދެއްވުމަށް ކުރި ދުޢާއެއް ވަގުތުން އެދުޢާ އިޖާބަވި. ބުނެވޭގޮތުގައި އެކަލޭގެފާނުގެ އެދުޢާއަށްފަހު އަދާހަމަޔަށް ދާންދެން އެއްވެސްނުރައްކާތެރި ބަލިމަޑުކަމެއް މަދީނާއަކު ނުފެތުރޭ...