ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން އިތުރު 760 މީހުން މަރުވެއްޖެއެވެ.

މިހާތަނަށް އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 13915 އަށް އަރާފައެވެ.

މިއަދު އިޓަލީވިލާތުން 4668 މީހުން ވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ. އެގައުމުން ފައްސިވި މީހުންގެ ޖުމްލަ މިހާރު 115242 އަށް އަރައެވެ.

އިޓަލީވިލާތުން އިއްޔެ މަރުވި މީހުންނަށް ވުރެ މިއަދު މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އިއްޔެ އެގައުމުން މަރުވީ 727 މީހުންނެވެ. ނަމަވެސް މިއަދު ފައްސިވި މީހުންގެ އަދަދު އިއްޔެ ފައްސިވި މީހުންނަށް ވުރެ ކުޑަތަންކޮޅެއް މަދެވެ. އިއްޔެ 4782 މީހުން އިޓަލީވިލާތުން ކޮވިޑް-19 އަށް ފައްސިވިއެވެ.

މިހާތަނަށް އިޓަލީވިލާތުން ބަލި ޖެހުނު މީހުންގެ ތެރެއިން 18278 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 4053 މީހެއްގެ ހާލު ސީރިއަސް ކަމަށް އިޓަލީވިލާތުން ބުނެއެވެ.

އިޓަލީވިލާތުގެ ސިވިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ރައީސް އެންގެލޯ ބްރޮލީ ލަފާކުރައްވާ ގޮތުގައި އިޓަލީވިލާތުގައި ކޮވިޑް-19 މިހާރު ވަނީ ޕީކަށް ގޮސްފައެވެ. ދެން ކުރިއަށް އޮތްތަނުގައި ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް ދާނެ ކަމަށް އޭނާ ލަފާ ކުރައްވައެވެ.

އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވާ އިޓަލީވިލާތުގެ ލޮމްބާޑީން ބަލި ޖެހޭ މީހުންގެ އަދަދު ވެސް ވަނީ މިހާރު މަދުވާން ފަށާފައެވެ. އެސަރަހައްދުން އިއްޔެ 1565 މީހުން ފައްސިވިއެވެ. ނަމަވެސް މިއަދު ފައްސިވީ 1292 މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން އިޓަލީވިލާތައް ވަމުންދާ ގޮތް ދުނިޔެއަށް ވަރަށް މުހިއްމެވެ. ބަލި ފެތުރުން ކޮންޓްރޯލުން ނައްޓާލާފައި ވަނިކޮށް އެގައުމު ފުރަބަންދު (ލޮކްޑައުން) ކޮށް އަޅާފައިވާ ފިޔަވަޅުތަކަކީ ބަލި ކޮންޓްރޯލް ކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ކަން ކަށަވަރު ކުރެވޭނީ ކުރިއަށް އޮތް ދުވަސްތަކުގައި ފެންނަ ނަތީޖާއަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު