ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އަށް 1000168 މީހުން މިހާތަނަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިހާތަނަށް ކޮވިޑް-19 ޖެހިގެން 51354 މީހުން ވަނީ މަރުވެފައެވެ. އަދި ބަލިން ރަނގަޅުވީ 210191 މީހުންނެވެ. މިއަދު މިހާތަނަށް 4362 މީހަކު ވަނީ މަރުވެފައެވެ. އަދި 64971 މީހަކު މިއަދު ވަނީ ފައްސިވެފައެވެ.

މިހާތަނަށް 204 ގައުމު ނުވަތަ ސަރަހައްދުން ވަނީ ކޮވިޑް-19 ފެނިފައެވެ. މިހާރު ކޮވިޑް-19 ނުފެތި އޮތީ އެންމެ 18 ގައުމުންނެވެ. އެއީ ޔަމަން، އުތުރު ކޮރެއާ، ދެކުނު ސޫދާން، ތަޖަކިސްތާން، ތުރުކަމިނިސްތާން، ލެސްތޯ، ކޮމޯރޯސް، ސޮލަމަން އައިލެންޑް، ވަނަޓޫ، ސައޮ ޓޯމް އެންޑް ޕްރިންސިޕް، ސަމޯއާ، ކިރިބަތީ، މައިކްރޮނޭސިއާ، ޓޮންގާ، މާޝެލް އައިލެންޑް، ޕަލާއޯ، ޓުވާލޫ އަދި ނެއިރޫއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސި ވެފައިވާ ގައުމަކީ އެމެރިކާ އެވެ. އެމެރިކާ އިން މިހާތަނަށް 235747 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެމެރިކާ އިން މަރުވެފައިވާ މީހުންގެ އަދަދު 5620 އަށް އަރައެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ އިޓަލީވިލާތުންނެވެ. އިޓަލީވިލާތުން ފައްސިވި މީހުންގެ ޖުމްލަ މިހާރު 115242 އަށް އަރައެވެ. މިހާތަނަށް އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު ވަނީ 13915 އަށް އަރާފައެވެ.

ތިން ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ސްޕޭނުން މިހާތަނަށް 110,238 މީހުން ފައްސިވެފައި ވެއެވެ. އޭގެތެރެއިން 6120 މީހުން ފައްސިވެފައި ވަނީ މިއަދުއެވެ. ސްޕޭނުން މިހާތަނަށް 10096 މީހަކު ވަނީ މަރުވެފައެވެ.

ޖަރުމަންވިލާތުން 83459 މީހުން ފައްސިވެ 1048 މީހުން ވަނީ މަރުވެފައެވެ. ޗައިނާ އިން 81589 މީހުން ފައްސިވެ، 3318 މީހުން ވަނީ މަރުވެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ޗައިނާގެ ވޫހާން އިން ފެނުނު ކޮވިޑް-19 ވެފައި މިވަނީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު ދުނިޔެ އާއި ކުރިމަތިވި އެންމެ ބޮޑު ކާރިސާއަށެވެ. ބަލީގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވެސް މިއަދު ބައިލައްކަ ފަހަނައަޅާފައި ވާއިރު މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް-19 ގެ ސަބަބުން ދުނިޔެ ހުއްޓުމަކަށް އައުމުން އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލިގެން ދިއުމެވެ. މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ މައްސަލަތަކުން އަރައިގަންނަން ދޮޅު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ހުއްޓުމެއްނެތި ސައިންސްވެރިން ގެންދަނީ ކުރަމުންނެވެ. ނަމަވެސް އަންނަ އަހަރުގެ ކުރީކޮޅުގެ ކުރިން ވެކްސިނެއް ނުވަތަ ބޭހެއް ވެސް އިންސާނުން ބޭނުން ކުރެވޭ ވަރަށް ތަރައްޤީ ކުރެވިދާނެ ކަމަށް ގިނަ ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި ފެތުރިގެން އަންނައިރު ކަންބޮޑުވުންތައް ހައްތަހާ އަންނަނީ އިތުރުވަމުންނެވެ. ބަލި ފުރަތަމަ ފެތުރެން ފެށިއިރު ކުޑަކުދިންނާއި، ޒުވާނުންގެ ފުރާނައަށް ނުރައްކާ ނުވި ނަމަވެސް މިހާރު ރިޕޯޓްތައް ބުނާ ގޮތުގައި ކުޑަކުދިންނާއި ޒުވާނުން މަރުވާ މިންވަރު ވެސް އަންނަނީ އިތުރުވަމުންނެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނަމުން އައީ އެންމެ ބޮޑު ކަންބޮޑުވުމަކީ ސިއްހީ ނިޒާމް ބަލިކަށި ގައުމުތަކުން އެތައް ބަޔަކު މަރުވެގެން ދިއުމުގެ ފުރުސަތު އޮތުން ކަމަށެވެ. ނަމަވެސް ބަލި ފެތުރެން ފެށިއިރު ދުނިޔޭގައި އެންމެ ސިއްހީ ޚިދުމަތް ރަނގަޅު ކަމަށް ބުނާ ހުޅަނގުގެ ގައުމުތައް ވެސް އޮތީ މިފަދަ ހާލަތަކަށް ތައްޔާރުވެފައެއް ނޫނެވެ. ބަލި ޖެހޭ މީހުންނާއި، މަރުވާ މީހުންގެ އަދަދު އެންމެ ގިނައީ ޔޫރަޕާއި، އެމެރިކާގައެވެ.

ސިއްހީ ނިޒާމް އެންމެ ބަލިކަށި، އެފްރިކާގެ ގައުމުތަކާއި، ދެކުނު އޭޝިއާގެ ގައުމުތަކުގައި ޔޫރަޕާއި އެއްވަރަށް ބަލި ފެތުރިގެން ނުގޮސް އޮތުން އެއީ މިވަގުތު އޮތް ހަމައެކަނި ހިތްހަމަޖެހުމެވެ. ނަމަވެސް އެގައުމުތަކުގެ ހާލަތު ވެސް މަޑުމަޑުން ގޯސްވަމުންދާ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު