ކޮވިޑް-19 ޖެހިގެން ފްރާންސުން މިއަދު ވެސް އިތުރު 471 މީހަކު މަރުވެއްޖެއެވެ.

މިހާތަނަށް ފްރާންސުން މަރުވި މީހުންގެ އަދަދު ވަނީ 4503 އަށް އަރާފައެވެ.

މިއަދު ފްރާންސުން ފައްސި (ޕޮޒިޓިވް) ވެފައި ވަނީ 2116 މީހުންނެވެ. ފްރާންސުން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 59105 އަށް އަރައެވެ. މިހާތަނަށް ފްރާންސުން ރަނގަޅުވީ 12428 މީހުންނެވެ. ފްރާންސްގައި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 6017 މީހުންގެ ހާލު ސީރިއަސްއެވެ.

ފްރާންސްގައި ފައްސިވި މީހުންގެ އަދަދު އަންގާރަ ދުވަހު ވަރަށް ބޮޑަށް އިތުރުވުމަށް ފަހު މިއަދާއި އިއްޔެ ވަނީ ފައްސިވި މީހުންގެ އަދަދު މަދުވެފައެވެ. އަންގާރަ ދުވަހު 7578 މީހުން ފައްސިވިއެވެ. އިއްޔެ ފައްސިވީ 4861 މީހުންނެވެ.

ފާއިތުވި ތިން ދުވަސް ތެރޭގައި ފްރާންސުން އެންމެ މަދުން މީހުން މަރުވީ ވެސް މިއަދު އެވެ. އަންގާރަ ދުވަހު 499 މީހުން އަދި ބުދަ ދުވަހު 509 މީހުން ފްރާންސުން މަރުވިއެވެ.

ފްރާންސް ސަރުކާރުން ބުނާ ގޮތުގައި އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދުތައް ހާމަކުރާއިރު އަދިވެސް އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުން މަރުވެފައިވާ މީހުންގެ އަދަދެއް ނުހިމަނައެވެ. އެހެންކަމުން އެއަދަދު ހިމެނުމުން މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުން އެކަށީގެންވެއެވެ.

ފްރާންސުން އިއްޔެ މަރުވި މީހުންނާއި ބަލި ޖެހުނު މީހުންގެ އަދަދަށްވުރެ މިއަދު މަރުވި މީހުންނާއި ބަލި ޖެހުނު މީހުންގެ އަދަދު މަދުވި ނަމަވެސް އަދި ފްރާންސް ޕީކަށް ގޮސްފައިވާކަން ދަންނަވަން ނޭނގޭ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.