ދުނިޔޭގެ އެކި ކަންކޮޅުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހުމަށްފަހު އެ ބަލިން ރަނގަޅުވާ މީހުންނަށް، އެކަން އަންގައިދޭ ޚާއްސަ ކާޑެއް ނުވަތަ ސެޓިފިކެޓެއް ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކޮވިޑް-19 ޖެހުމަށްފަހު ބަލިން ރަނގަޅުވެފައިވާ ކަން ދައްކައިދޭ މި ކާޑު ދިނުމާއި ގުޅޭ މަޝްވަރާތައް މިހާރު އެޤައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ކުރަމުންދާއިރު، މިއީ ކޮވިޑް-19 ޖެހުނު މީހުންނަށް އަލުން އަނބުރާ އާންމު ދިރިއުޅުމެއްގައި އުޅެން ހުރަސް އެޅިދާނެ ކަމަށްޓަކައި ދޭ ކާޑެއް ކަމަށް ވެއެވެ.

މިކަމާއި ބެހޭގޮތުން މަޢުލޫމާތު ދެމުން އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ، މެޓް ހެންކޮކް ބުނެފައިވަނީ، ކޮވިޑުން ރަނގަޅުވެފައިވާކަން އަންގައިދޭ މި ކާޑު ދޭ ފަރާތްތަކަށް އާންމު ދިރިއުޅުމުގައި އުޅެން ފަސޭހަ ވާއިރު، ވައިރަސް އާއި ގުޅިގެން ހަރަކާތްތެރިވާ ފަރާތްތަކަށް އެފަދަ މީހުން ފާހަގަކުރަން ފަސޭހަ ވެގެންދާނެ ކަމަށެވެ. ނަމަވެސް މި ކާޑު ލިބޭ ފަރާތްތައް ފުރަބަންދުން އިސްތިސްނާވާނެ ކަމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށް އޭނާ ބުނެފައި ވެއެވެ.

"މިވަގުތު އެންމެ މުޙިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ މިހާރު ކުރިމަތިވެފައިވާ މި ނުރައްކަލުން އަރައިގަތުން. އެހެންކަމުން މި ކާޑު ދޭން ނިންމި ނަމަވެސް އެންމެ އިސްކަމެއް ދޭނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް. އަދި ކާޑު ލިބޭ ފަރާތްތަކަށް ލުއިތަކެއް ދިނުމާއި މެދުވެސް މި ދަނީ ވިސްނަމުން. އެކަމަކު މި ވައިރަސް އަކީ ދުނިޔެއަށް އައު ވައިރަސް އަކަށްވުމުން އެފަދަ ނިންމުމެއް ނިންމަން އަދި އަވަސް،" ހެންކޮކް ބުންޏެވެ.

އިނގިރޭސިވިލާތުގައި ކޮވިޑުން ރަނގަޅުވާ މީހުންނަށް ކާޑެއް ދޭން ތައްޔާރުވާއިރު، އެޤައުމަކީ މިހާރު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. މިހާތަނަށް ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ޤައުމަކީ އެއީ އެވެ. އެޤައުމުން މިހާތަނަށް މި ބަލި ޖެހުމަށްފަހު ބަލިން ރަނގަޅުވެފައި ވަނީ 135 މީހުންނެވެ. ނިސްބަތުން މި ބަލީގެ ނުރައްކާ ބޮޑު އެހެން ޤައުމުތަކަށް ބަލާއިރު، އިނގިރޭސިވިލާތުން މި ބަލިން ސަލާމަތްވި މީހުންގެ އަދަދު މަދެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 ފެނުނު ފަހުން މިހާތަނަށް ޖުމްލަ 33718 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން ޖުމްލަ 2921 މީހަކު ވަނީ މަރުވެފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެޤައުމުން 4200 އަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސި (ޕޮޒިޓިވް) ވެ، 569 މީހަކު ބަލީގައި މަރުވެފައި ވެއެވެ.

މިހާތަނަށް ދުނިޔޭގެ 204 ޤައުމަކުން މިލިއަނަކަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ. އޭގެތެރެއިން މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، އަދި ބަލިން ރަނގަޅުވެފައި ވަނީ 210519 މީހެކެވެ.