ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ކެލެފޯނިއާ އިން ވަޒީފާ ގެއްލުނު މީހުންގެ އަދަދު ދެމިލިއަނާއި ގާތްކުރާ ކަމަށް އެ ސްޓޭޓުގެ ގަވަރުނަރު، ގެވިން ނިއުސަމް ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިއުސަމް ބުނެފައިވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި ކެލެފޯނިއާ އިން ވަޒީފާ ގެއްލިގެން ރިޕޯޓްކުރާ ފަރާތްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ނިމިދިޔަ ހަފްތާގައި ވެސް ކޮންމެ ދުވަހަކު ވަޒީފާ ގެއްލިގެން އެވްރެޖް ގޮތެއްގައި 111000 އަށްވުރެ ގިނަ ރިޕޯތް ލިބޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

ނިއުސަމް ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ކެލެފޯނިއާ އިން މިހާތަނަށް 1.9 މިލިއަނަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ކުދި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ސްޓޭޓުގެ ކަމާއި ބެހޭ ފަރާތްތަކުން އެހީތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

40 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކެލެފޯނިއާގައި ވަޒީފާ ގެއްލޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއި ގުޅިގެން އެ ސްޓޭޓުން ދަނީ ކުދި ވިޔަފާރިތަކާއި ކޮންޓްރެކްޓަރުންނަށް ލޯނު ދޫކުރުމުގެ ޕްރޮގްރާމްތަކެއް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ޖޫރިމަނާ އައި އިންޓްރެސްޓް ނާރާ ގޮތަށް ލޯނު ދޫކުރުމަށް ވެސް ނިންމާފައި ވާއިރު، ޕޭޗެކް ޕްރޮޓެކްޝަން ޕްރޮގްރާމުގެ ނަމުގައި ކުދި ކުންފުނިތަކަށް، އެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދަތިތަކެއް ކުރިމަތިވެދާނެތީ ދިހަ މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކުދި ވިޔަފާރީގެ ލޯންތައް ނުނެގޭ ފަރާތްތަކަށް ލުއި ލޯނު ދޫކުރުމަށް 50 މިލިއަން ޑޮލަރު ހަމަޖައްސާފައިވާ ކަމަށް ވެސް ކެލެފޯނިއާގެ ގަވަރުނަރު ވަނީ ބުނެފައެވެ.

ކެލެފޯނިއާގައި ވަޒީފާ ގެއްލޭ މީހުންގެ އަދަދު އާދަޔާއި ޚިލާފަށް ގިނަ ވަމުންދާތީ، އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ވަޒީފާގެ ފުރުސަތުތައް އުފެއްދުމުގެ ޕްރޮގްރާމްތައްވެސް މިހާރު ދަނީ ހިންގަމުންނެވެ. އެގޮތުން ސިއްޙީ ދާއިރާ އާއި ދަނޑުވެރިކަމާއި ލޮޖިސްޓިކްސް ދާއިރާއިން ގިނަ ވަޒީފާގެ ފުރުސަތުތައް މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

ކެލެފޯނިއާ އަކީ އެމެރިކާއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ސްޓޭޓެކެވެ. އެމެރިކާ އަކީ މިހާތަނަސް މުޅި ދުނިޔެއިން ވެސް ކޮވިޑް-19 ފެނުނު ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް މި ވައިރަސް ޖެހިފައިވާ ޤައުމެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 237877 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 5700 އަށްވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައި ވެއެވެ.