ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ފްރާންސުން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

އެޤައުމުން ކޮވިޑް-19 ޖެހިގެން އިއްޔެ އެކަނިވެސް މަރުވި މީހުންގެ އަދަދު ވަނީ 1355 އަށް ރެކޯޑުކޮށްފައި ވާއިރު، އެޤައުމު ވެފައިވަނީ މިހާތަނަށް އެއް ދުވަސްތެރޭގައި އެންމެ ގިނަ އަދަދަކަށްމި ބަލީގައި ގައި މީހުން މަރުވިކަމަށް ރެކޯޑްކޮށްފައިވާ ޤައުމަށެވެ.

ކޮވިޑް-19 ޖެހިގެން އާދަޔާއި ޚިލާފަށް ގިނަ އަދަދަކަށް ފްރާންސުން މީހުން މަރުވެފައިވާއިރު މިކަން އެޤައުމުގެ ޕަބްލިކް ހެލްތް އޮތޯރިޓީންވެސް ވަނީ ބައިނަލްއަޤުވާމީ ނޫސްތަކަށް ކަށަވަރުކޮށްދީފައެވެ. އެ އޮތޯރިޓީގެ ވެރިޔާ، ޖެރޯމީ ސެލޮމޮން ބުނެފައިވާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 12 އިންސައްތަ އިތުރުވެފައެވެ.

އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މިހައި ބޮޑަށް އިތުރުވެފައި މިވަނީ، އެޤައުމުގެ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުން މަރުވި މީހުން ބައްޔަށް ޓެސްޓު ކުރުމަށްފަހު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދަށް އިތުރު ކުރުމުންނެވެ. އިދާރާތަކުން ބުނާގޮތުން އެފަދަ މަރުކަޒުތަކުން 884 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް ފްރާންސުން ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއެކު، މިހާރު އެ ޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ ވަނީ 5387 އަށް އަރާފައެވެ. މިހާރު އެޤައުމު ވެފައި ވަނީ ދުނިޔެއިން ކޮވިޑް-19 ޖެހިގެން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަށެވެ.

ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ފްރާންސުން އިތުރު 2116 މީހަކު މި ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވެފައިވާކަން ވަނީ އެނގިފައެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 59105 މީހަކަށް ވަނީ މި ވައިރަސް ޖެހިފައެވެ.

ފްރާންސްގެ އިދާރާތަކުން ބުނާގޮތުގައި ކޮވިޑް-19 ޖެހިގެން އެޤައުމުގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާ މީހުންގެ އަދަދުވެސް މިދިޔަ 24 ގަޑިއިރު ތެރޭގައި 382 އަށް އަރާފައިވާ ކަމަށެވެ. މީގެ ތެރެއިން ގިނަ މީހުން ތިބީ ލައިފް ސަޕޯޓުގެ އެހީގައި ކަމަށްވެސް އިދާރާތަކުން ބުނެފައި ވެއެވެ.

ފްރާންސުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 12428 މީހުންނެވެ. އަދި ސީރިއަސް ހާލުގައި ޖުމްލަ 6399 މީހަކަށް ފަރުވާދެމުން ދެއެވެ.

ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ޤައުމެއްގެ ގޮތުގައި ފްރާންސް އޮތްއިރު، މިހާތަނަށް މި ވައިރަސް ފެނިފައިވާ 204 ޤައުމުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ވައިރަސް ޖެހިފައި ވަނީ އެމެރިކާ އިންނެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް ޖުމްލަ 240395 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން 5808 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކކކކ

    އެއީ ހަމަ އެކަނި މިއަދު މަރުވި މީހުންނެއް ނޫން. މިއަދުގެ އަދަދަށް، އެއްކޮށްފައި އެއިތީ ވޭތުވެ ދިޔަ ދުވަސްތަކުގައި ނަރސިންގ ހޯމް ތަކުގަ މަރުުވި 884 މީހުން.

    6
    2