އެކި ގައުމުތަކުން ބުރާސްފަތި ދުވަހު ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް މީހުން ފައްސި (ޕޮޒިޓިވް) ވެ އަދި މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އިއްޔެވަނީ 77290 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 5،740 މީހަކު އިއްޔެ އެކަނިވެސް ވަނީ މަރުވެފައެވެ.

އަދި އެމެރިކާގެ ބައެއް ހިސާބުތަކުން ފައްސިވި މީހުންނާއި، މަރުވި މީހުންގެ އަދަދުތައް ލިބިފައިނުވާތީ މި އަދަދުތައް އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

މީގެ ކުރިން އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 76،836 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ފާއިތުވެދިޔަ 7 ދުވަހު، ކޮންމެ ދުވަހަކުވެސް 60،000 އަށްވުރެ ގިނަ މީހުން ފައްސިވެފައިވެއެވެ.

މީގެ ކުރިން ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީވެސް މިމަހުގެ 1 ވަނަ ދުވަހުއެވެ. އެދުވަހު ޖުމްލަ 4883 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

މިހާތަނަށް މުޅި ދުނިޔެއިންވެސް އެންމެ ގިނަ ބަޔަކު ފައްސިވެ، ލިސްޓުގެ އެންމެ ކުރީގައި އޮތް އެމެރިކައިން އިއްޔެ އެކަނި 27،896 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އެގައުމުން މިހާތަނަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 242،899 އަށް އަރާފައެވެ.

އިއްޔެ އެންމެ ގިނަ މީހުންގެ މަރުވެފައިވަނީ ލިސްޓުގެ ދެވަނައިގައި އޮތް ފްރާންސުންނެވެ. އެގައުމުން އިއްޔެވަނީ 1،355 މީހަކު މަރުވެފައެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެމެރިކާގައި ބަލި ކޮންޓްރޯލް ނުކުރެވި، ވަރަށް ބޮޑަށް ފެތުރިގެން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު