މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ސްޕެއިން އިން 932 މީހަކު މަރުވެއްޖެ އެެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10،935 އަށް އަރާފައެވެ.

ސްޕެއިން އިން ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު މި ވައިރަސް ޖެހިގެން މަރުވެފައިވާއިރު، އެ ގައުމުން މިހާތަނަށް އެންމެ ގިނަބަޔަކު އެއް ދުވަހެއްގެ ތެރޭގައި މަރުވެފައި ވަނީ އިއްޔެ އެވެ. އެގޮތުން އިއްޔެ އެ ގައުމުން 961 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

އެ ގައުމުން އިތުރު 7،472 މީހެއްގެ ގައިން މި ބަލި ފެނިފައިވައިރު، މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 117،710އަށް އަރާފައެވެ.

ސްޕެއިންގައި ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސް މީހުންގެ އަދަކީ 6416 އެވެ. އެގައުމަކީ ހުރިހާ ގައުމުތަކުގައި، މި ބަލި ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނަބަޔަކު ސީރިއަސް ހާލަތުގައި ތިބި ގައުމެވެ.

އެ ގައުމުން ވައިރަސް ޖެހުނު 30513 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެއެވެ.

ދުނިޔޭގެ 204 ސަރަހައްދަށް ފެތުރިފައިވާ މި ވައިރަސް ޖެހިގެން މިހާތަނަށް މުޅި ދުނިޔެއިން 54,293 މީހަކު ވަނީ މަރުވެފައެވެ.