ދުނިޔޭގެ ހުރިހާ ގައުމަކަށް އަސަރު ކޮށްފައިވާ ނުރައްކާތެރި ވައިރަސް ކޮވިޑް-19ގެ ސަބަބުން ނެދަލޭންޑުން އަނެއްކާވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

ފާއިތުވެދިތަ 24 ގަޑިއިރުތެރޭ އެ ގައުމުން މަރުވި 148 މީހުންނާއި އެކު ނެދަލޭންޑުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،487ށް އިތުރުވެފައެެވެ. އެ ގައުމުގައި ވައިރަސް ފެތުރެން ފެށީ އިޓަލީ އަށް ޒިޔާރަތް ކޮށްފައި އެނބުރި ނެދަލޭންޑަށް ދިޔަ މީހެއްގެ ފަރާތުން ކަމުގައިވާއިރު، ވައިރަހުގެ ސަބަބުން އެންމެ ފުރަތަމަ އެ ގައުމުން މީހަކު މަރުވީ މިދިޔަ މާރިޗު މަހުގެ 6 ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހުގައި އެ ގައުމުގައި ކޮންމެ ދުވަހަކުހެން މީހުން އަންނަނީ މަރުވަމުންނެވެ.

ފާއިތުވެދިތަ 24 ގަޑިއިރު ތެރޭ ނެދަލޭންޑުން މުޅިން އަލަށް 1،026 މީހަކު ވައިރަހަށް ފައްސި (ޕޮސިޓިވް) ވެފައިވާއިރު، މިހާރު އެ ގައުމުން ޖުމްލަ 15،723 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ.

އެ ގައުމުގެ ހޮސްޕިޓަލްތަކުގައި 1،195 މީހެއްގެ ހާލު ސީރިއަސް ވެގެން އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، އެ ގައުމުން މިހައިތަނަށް 1،678. މީހަކު ވަނީ ފަރުވާ ކޮށްގެން ރަނގަޅުވެފައެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ގައުމުގެ ބޮޑުވަޒީރު މާކް ރުޓޭ ވަނީ އާއްމު ރައްޔިތުން ގެތަކުގައި ތިބުމަށް އިލްތިމާސް ކޮށްފައެވެ.