އަވަށްޓެރި ސްރީލަންކާގެ ކަނޑުގެ ސަރަޙައްދުން ރެކޯޑު އަދަދަކަށް މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އެ ގައުމުގެ ކަނޑުތައް ބަލަހައްޓާ ނޭވީ އިން ހާމަކޮށްފައިވާ ގޮތުގައި އެއްވެސް ދިދަ އެއް ނުނަގައި ލަންކާގެ ބަނދަރަކާއި ދިމާލަށް މިސްރާބު ޖަހަމުން ދިޔަ ބޯޓެއް ހުއްޓުވައި، ބަލައި ފާސް ކުރުމުގެ ތެރޭގައި ރެކޯޑު އަދަދަކަށް މަސްތުވާތަކެތި ވަނީ އެ ބޯޓުން ފެނިފައެވެ.

މިގޮތުން ޖުމްލަ 1 މެޓްރިކް ޓަނުގެ މަސްތުވާތަކެތި އެ ބޯޓުން ހޯދިއިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ ނުރައްކާތެރި އެއް ބާވަތް ކަމުގަައިވާ ކްރިސްޓަލް މެތުގެ 605 ކިލޯ އާއި 579 ކިލޯގެ ކެޓަމައިން އާއި އިތުރު ދެބާވަތެއްގެ މަސްތުވާތަކެއްޗެވެ.

އެ ގައުމުގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި ބޯޓުން އަތުލައިގެން ކްރިސްޓަލް މެތުގެ މަގުމަތީ އަގު އެކަނިވެސް ލަންކާގެ 6.5 ބިލިއަން ރުޕީސް އަށް އަރާނެއެވެ. މީގެ ކުރިން ލަންކާގެ ކަނޑުގެ ސަރަހައްދުން މިހައި ގިނަ މަސްތުވާތަކެތި ދުވަހަކުވެސް އަތުލައިގެންފައެއް ނުވެއެވެ.

ލަންކާ ނޭވީ އިން އަތުލައިގެން ބޯޓުގައި ތިބީ ޕާކިސްތާނަށް ނިސްބަތްވާ 9 މީހުން ކަމުގައިވާއިރު އެ ހުރިހާ އެންމެންނާއި މަސްތުވާތަކެތިވެސް މިހާރު ހުރީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ފާއިތުވެދިތަ 3 މަސް ދުވަސް ތެރޭގައިވެސް ލަންކާގެ ނޭވީ އިން ވަނީ މިފަދަ 3 ބޯޓެއް ހުއްޓުވައި، އެތައް ހާސް ކިލޯ އެއްގެ މަސްތުވާތަކެތި އަތުލައިގެންފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އަހަރެމެންގެ ޤައުމުގައި އުޅިންވެސް އަތުލައިގަންނަނީ މަސްތުވާތަކެތިކަމަށް ޝައްކުވާ އެއްޗެތި! ދުވަހަކުވެސް މަސްތުވާތަކެތި އަތުލާނުގަނެވޭ!

    40
    1
    • ޚާލި

      މިހައި ބައިވަރު ވީމައޭ މަސްތުވާ ތަކެތިކަމަށް ޔަގީން ކުރެވޭނީ

      10
      3
  2. ޓިނު ވަގު

    ހުރިހާ ޝުކުރެއް ސީޕީ ހަމީދަށް...