ކޮވިޑް-19 އެންމެ ބޮޑަށް ފެތުރި ހާލަތު އެންމެ ބޮޑަށް ގޯސްވަމުންދާ އެމެރިކާގެ ނިއުޔޯކުން މިއަދު އެކަނިވެސް އިތުރު 562 މީހަކު މަރުވެއްޖެއެވެ.

އެހެންކަމުން މިއަދަކީ ނިއުޔޯކުން އެންމެ ގިނަ މީހުން މިހާތަނަށް މަރުވި ދުވަހެވެ. މީގެ ކުރިން އެންމެ ގިނައިން ނިއުޔޯކުން އެއްދުވަސް ތެރޭގައި މަރުވި މީހުންގެ އަދަދު 300 އަށް ވެސް ނާރައެވެ.

މިހާތަނަށް ނިއުޔޯކުން މަރުވި މީހުންގެ އަދަދު 2935 އަށް އަރައެވެ. އެމެރިކާ އިން މަރުވި މީހުންގެ ޖުމްލަ 6603 އަށް އަރައެވެ. މިއަދު މިހާތަނަށް ނިއުޔޯކުން 9810 މީހަކު ވަނީ ފައްސި ވެފައެވެ. ނިއުޔޯކުން ފައްސިވި މީހުންގެ ޖުމްލަ ވަނީ 102863 އަށް އަރާފައެވެ.

ނިއުޔޯކްގައި ހަލުވިކަމާއި އެކު ކޮވޮޑް-19 ފެތުރެމުން ދާއިރު ނިއުޔޯކްގެ ހޮސްޕިޓަލްތަކުގައި އެކަށީގެންވާ އަދަދަކަށް ވެންޓިލޭޓަރު ނެތުމުން އެތައް ބަޔަކު މަރުވާން ދޫކޮށްލަން ޖެހިދާނެ ކަމަށް ގަވަރުނަރ އެންޑްރޫ ކޫމޯ ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ މައި ސަރުކާރުން ނިއުޔޯކަށް އިތުރު އެހީތެރިކަން ފޯރުކޮށް ނުދީފިނަމަ ގިނަ ބަޔަކު މަރުވެގެން ދިއުމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މުޅި ނިއުޔޯކްގައި ކަރަންޓީންގެ އަމުރެއް ހިންގަވަން ގަވަރުނަރު ކޫމޯ ވަނީ ދެކޮޅު ހައްދަވާފައެވެ.

ނިއުޔޯކްގައި ކޮވިޑް-19 ފެތުރުން އިތުރު ވެފައި ވާތީ އެމެރިކާ އަސްކަރިއްޔާގެ ހޮސްޕިޓަލް މަނަވަރެއް މިހާރު ވަނީ ނިއުޔޯކްގައި ބަނދަރު ކޮށްފައެވެ. ކައިރި ބައެއް އެހެން ސްޓޭޓްތަކުން މިހާރު ނިއުޔޯކަށް ބައެއް ވަސީލަތްތައް ގެންދިއުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު