ކޮވިޑް-19 ޖެހިގެން އިޓަލީން މިއަދު ވެސް އިތުރު 766 މީހަކު މަރުވެއްޖެއެވެ.

އެހެންކަމުން މިއަދާއި ހަމައަށް އިޓަލީވިލާތުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 14681 އަށް އަރައެވެ.

މިއަދު އިތުރު 4585 މީހަކު ވަނީ އިޓަލީވިލާތުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިހާތަނަށް އެގައުމުން ފައްސިވި މީހުންގެ އަދަދު 119827 އަށް އަރައެވެ. އޭގެ ތެރެއިން 19758 މީހަކު ވަނީ ބަލިން ރަނގަޅު ވެގެން ދޫކޮށްލާފައެވެ. މިހާރު ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 4068 މީހެއްގެ ހާލު ސީރިއަސްއެވެ.

ފާއިތުވި ތިން ދުވަހު އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު ވަނީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައެވެ. ބުދަ ދުވަހު އެގައުމުން މަރުވީ 727 މީހުންނެވެ. ބުރާސްފަތި ދުވަހު މަރުވީ 760 މީހުންނެވެ.

މިއަދަކީ ތިން ދުވަސް ތެރޭގައި އެންމެ މަދު އަދަދެއްގެ މީހުން ފައްސިވި ދުވަހެވެ. ބުދަ ދުވަހު 4782 މީހުން ފައްސިވިއިރު ބުރާސްފަތި ދުވަހު 4668 މީހުން ފައްސިވިއެވެ.

އިޓަލީވިލާތުގެ ސަރުކާރުން އާއްމު ކުރަމުން ގެންދާ ތަފާސް ހިސާބުތަކުގެ ސައްހަ ނޫން ކަމަށް އެގައުމުގެ ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ. އިޓާލިއަން އިންސްޓިއުޓް ފޯ ޕޮލިޓިކަލް ސްޓަޑީސްގެ ތަޖުރިބާކާރު މެޓިއޯ ވިލާ ވެސް މިއަދު ވަނީ މަރުވާ މީހުންގެ އަދަދުތައް ކަމަށް ބުނެ ސަރުކާރުން އާއްމު ކުރަމުން ގެންދާ އަދަދުތައް ސައްހަ ނޫން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވާ ގޮތުގައި އިޓަލީން ކޮވިޑް-19 ޖެހިގެން މަރުވި މީހުން ކަމަށް ސަރުކާރުން ބުނާ އަދަދަށްވުރެ 6000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ކަށަވަރު ކުރެވޭ ކަމަށެވެ.

އިޓަލީ ފުރަބަންދު ކޮށްފައި އޮތް މުއްދަތު މިހާރު ވަނީ އޭޕްރީލް 13 އަށް އިތުރު ކޮށްފައެވެ. އަދިވެސް ފުރަބަންދުގެ މުއްދަތު އިތުރު ކުރުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު