ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު 1120 މީހުން މަރުވެއްޖެއެވެ.

މިހާތަނަށް ފްރާންސުން މަރުވި މީހުންގެ އަދަދު ވަނީ 6507 އަށް އަރާފައެވެ.

މިއަދު ފްރާންސުން އިތުރު 5233 މީހަކު ވަނީ ފައްސިވެފައެވެ. އެގައުމުން ފައްސިވި މީހުންގެ ޖުމްލަ މިހާރު 64388 އަށް އަރައެވެ. މިހާތަނަށް ފްރާންސުން ބަލި ޖެހުނު މީހުންގެ ތެރެއިން 14008 މީހަކު ބަލިން ރަނގަޅު ވެފައި ވާއިރު 6662 މީހަކުގެ ހާލު މިހާރުވެސް ސީރިއަސްއެވެ.

މިއަދު ފްރާންސުން މަރުވި މީހުންގެ އަދަދު ވަނި އިއްޔެ އަށްވުރެ މަދުވެފައެވެ. އިއްޔެ އެގައުމުން 1355 މީހުން މަރުވިއެވެ. ނަމަވެސް އިއްޔެ ފައްސިވި މީހުންނަށް ވުރެ މިއަދު ފައްސިވި މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އިއްޔެ ފްރާންސުން ފައްސިވީ 2116 މީހުންނެވެ.

މިއަދު ފްރާންސުން މަރުވި މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި މަރުވީ 588 މީހުންނެވެ. ދެން މަރުވި މީހުންނަކީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުން މަރުވި މީހުންނެވެ.

ފްރާންސްގެ ބޮޑުވަޒީރު އެޑުއާޑް ފިލިޕޭ މިއަދު ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮތް ނިންމުމަށް އަމަލު ކުރުމަށް ފްރާންސް ރައްޔިތުންގެ ކިބައިން އެދިފައެވެ. އޭނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރެވޭނެ އިތުރު ގޮތެއް ނެތް ކަމަށެވެ.

މިހާރު ފްރާންސް ފުރަބަންދު ކޮށްފައި ވަނީ އޭޕްރީލް 15 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް އެމުއްދަތު އިތުރު ކުރާނެ ކަމަށް މިހާރު ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު