ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު 7400 އަށް އަރައިފިއެވެ.

އެޤައުމުގައި އާދަޔާއި ޚިލާފަށް ބާރަ މިހާރު މި ވައިރަސް ފެތުރެމުންދާއިރު، މިހާތަނަށް އެޤައުމުން ޖުމްލަ 277467 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މީގެ ތެރެއިން 31782 މީހަކު ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެމެރިކާ އިން 1423 މީހަކު މަރުވެފައިވާއިރު، މިހާރު މި ބަލީގައި އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 7402 އަށް އަރައެވެ. އެމެރިކާ އަކީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ދެވަނަ އަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ޤައުމެވެ.

ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 12283 މީހެކެވެ. އަދި ބަލި ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން 5787 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ. އެހެންކަމުން ކުރިޔަށް އޮތް ވަގުތުތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ދުނިޔެއިން ކޮވިޑް-19 މިހާތަނަށް ފެނިފައިވާ 205 ޤައުމުގެ ތެރެއިން އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވެފައިވާ އެމެރިކާ އަކީ މި ބަލީގައި މިހާތަނަށް ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. މިހާތަނަށް ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކީ އިޓަލީ އެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 14681 މީހަކު ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް މަރުވެފައި ވެއެވެ. މި ބަލި ޖެހިގެން ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި ސްޕެއިން އޮތްއިރު، އެޤައުމުން މިހާތަނަށް ޖުމްލަ 11198 މީހަކު ވަނީ މަރުވެފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ދުނިޔެއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ މާރުކޭޓަކުންނެވެ. އޭގެ ފަހުން މިއަހަރު ކުއްލިއަކަށް ހީވެސް ނުކުރާފަދަ ގޮތަކަށް މި ވައިރަސް މުޅި ދުނިޔެއަށް ފެތުރި އެތައް ޤައުމަކަށް ނުރައްކާ ކުރިމަތިކޮށްފައި ވާއިރު، މި ވައިރަސްއަށް ދުނިޔެއިން މިހާތަނަށް 1.1 މިލިއަނާއި ގާތްކުރާ އަދަދަކަށް މީހުން ފައްސި ވެފައި ވެއެވެ. އޭގެތެރެއިން 59000 އަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ބަލިން ރަނގަޅުވީ 228923 މީހެކެވެ. ފަހުގެ މަޢުލޫމާތުތަކުން ހާމަވާގޮތުގައި މި ވައިރަސް ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 39300 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް އެވެ.

ކޮވިޑް-19 އަކީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ބަލިމަޑުކަމެވެ. މި ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުރިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު