ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ކުވެއިތުން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.
އެޤައުމުގެ އިދާރާތަކުން މިހާރު މިކަން ކަށަވަރުކޮށްދީފައި ވާއިރު، އިދާރާތަކާއި ހަވާލާދީ ނޫސްތަކުގައި ބުނީ އެޤައުމުގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް މަރުވީ އިންޑިއާއަށް ނިސްބަތްވާ މީހެއް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ކުވެއިތުގައި މަރުވި އިންޑިއާ މީހާއަކީ ކޮވިޑް-19 އަށް އިންފެކްޓުވުމާއި ގުޅިގެން އެޤައުމުގައި ފަރުވާދިން މީހެކެވެ. އޭނާ މަރުވީ ހާލު ރަނގަޅުވަމުން އަންނަނިކޮށް ކުއްލިއަކަށް އިތުރަށް ހާލު ގޯސްވުމަށްފަހު ކަމަށް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
މިހާތަނަށް ކުވެއިތުގައި ޖުމްލަ 417 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭތެރެއިން 82 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު 16 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.
ކުވެއިތުގައި އިންޑިއާ އަށް ނިސްބަތްވާ މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައިވާއިރު، އިންޑިއާއަކީ ވެސް މި ވައިރަސްގެ ނުރައްކާ ބޮޑުވަމުންދާ ޤައުމެކެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 3082 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން 86 މީހަކު މިހާތަނަށް މަރުވެފައި ވެއެވެ.
އިންޑިއާގައި ވައިރަސް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 229 މީހުންނެވެ.