އާދަޔާއި ޚިލާފަށް ހަލުވިކަމާއެކު ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެތުރި މުޅި ދުނިޔެ ނުރައްކަލަކަށް ހުށަހެޅިފައި ވަނިކޮށް، ވައިރަސް ޖެހޭ މީހުންގެ އަދަދު ނުހިފެހެއްޓި، މި ވައިރަސް އަށް ފަރުވާދޭ ވަސީލަތްތައް ޤައުމުތަކުން ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ މިވަގުތު އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ސްޕެއިން އަދި އިޓަލީގެ އިތުރުން ފްރާންސް ހިމެނެއެވެ.

މިކަމާއި ގުޅޭގޮތުން ސްޕެއިންގެ އޮފިޝަލަކު ނޫސްތަކަށް މަޢުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ އިރު، ވައިރަސް ކޮންޓްރޯލް ކުރެވޭނެ ދޮރުތައް ބަންދުވަމުން އަންނަ ކަމަށެވެ. އެގޮތުން ހޮސްޕިޓަލްތައް ފުރި ބާރުވަމުންދާއިރު، ހޮސްޕިޓަލުގައި ބަލި މީހުންނަށް ފަރުވާދޭނެ ޑޮކްޓަރުން މަދުވެ، ސިއްޙީ ސާމާނު ހުސްވަމުންދާ ކަމަށް އޭނާ ބުނެފައި ވެއެވެ.

"ވައިރަސް ކޮންޓްރޯލް ކުރެވެންހުރި ދޮރުތައް ބަންދުވަމުން މިދަނީ، މިފަދަ ނުރައްކަލަކާއި ކުރިމަތިލުމަށް ޤައުމުތައް ތައްޔާރުވެފައި ނެތުމުން. ދުނިޔެއަށް މިފަދަ ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އެއްވެސް ބަޔަކު ކުރިން ހިއެއް ނުކުރޭ،" އޮފިޝަލް ބުނެފައި ވެއެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ ޤައުމުތަކުން މި ބަލި ޖެހިފައިވާ މީހުންނަށް އެންމެ ބޭނުންތެރި ސާމާނުތަކުގެ ތެރޭގައި ހިމެނޭ ވެންޓިލޭޓަރު ފަދަ ތަކެތި ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، ބަލި ނުޖެހޭ މީހުން ބަލިން ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތިވެސް ލިބުން ދަތިވާން ވަނީ ފަށާފައެވެ.

ސިއްޙީ ސާމާނު އެކަށީގެންވާ މިންވަރަށް ނުލިބި ނުރައްކާ އިތުރުވަމުންދާ މި ދަނޑިވަޅަށް އިޝާރާތްކޮށް، އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އެމެރިކާގެ ނިއުޔޯކު ސްޓޭޓުގެ ގަވަރުނަރު، އެންޑްރޫ ކުއޯމޯ ބުނެފައި ވަނީ، އެމެރިކާއިން އިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ސަރަޙައްދުތަކުގެ ތެރޭގައި ނިއުޔޯކު އޮތްއިރު، ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން ދިޔަނަމަވެސް މަރުވާ މީހުންގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވަމުންދާ ކަމަށެވެ.

އެންޑްރޫ ބުނިގޮތުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް އެންމެ މުޙިންމު ވަސީލަތަކީ ވެންޓިލޭޓަރު ކަމަށް ވާއިރު، މިހާރު މިދާ ރޭޓުން ނިއުޔޯކުގައި ކޮވިޑް-19 ފެތުރެމުންދާ ނަމަ މިވަގުތު އެ ސްޓޭޓުގައި ވެންޓިލޭޓަރު ހުރީއެންމެ ހަ ވަރަކަށް ދުވަހަށް ބޭނުންކުރެވޭ ވަރަށް ކަމަށެވެ.

މިހާތަނަށް ދުނިޔޭގެ 205 ޤައުމަކުން 1.1 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވެއެވެ. ފާއިތުވެދިޔަ 24 ގަޑއިރު ތެރޭގައި ވެސް ލައްކައަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، ބަލީގައި މިދިޔަ 24 ގަޑިއިރުތެރޭ 6000 އާއި ގާތްކުރާ އަދަދަކަށް މީހުން ހިމެނޭހެން ޖުމްލަ 59140 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. މިހާތަނަށް ކޮވިޑް-19 އަށް ފައްސިވުމަށްފަހު، މި ބަލިން ރަނގަޅުވެފައި ވަނީ 229286 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭޗާރާ

    ވިސްނައިބަލަ! އިއްޔެއާ ހަމައަށް ހަށިފުއްޕާފައި ތިބި މީހުން ދާދި ކުޑަހިނދުކޮޅެއްގެތެރޭގައި ޖެހުނު ހާލު ފެނޭބާ! މޮޅުރޮކެޓާއި މޮޅު ބޭހާއި މޮޅު ވަސީލަތްތަކާއި މޮޅު ރޮބޮޓްގެ ބޭނުމެއް މިއަދަކު ނެތް. އަކަޔަންބޯ ހެދިފައި ތިބި ދައުލަތްތަކުގެ ވެރިންނަށް ކަނޑާލާނެ ސަޅިބައިސާއެއް ނޭނގިގެން އަނގަމައްޗަށް ޖެހިފައި އެތިބީ ތަލިން ކުޅުހިފައި. އެތައް ބަޔެއްގެ ފުރާނަ އެއްފަހަރާ ދުއްވާލުމަށް ޖެހިލުން ނުވާ ސިފައިންގެ އޮފިސަރުން ވަޒީފާއިން ވަކިވެގެން ދާންޖެހުނީވެސް ލޮލަށްވެސް ނުފެންނަ ވަހެއްވެސް ނުދުވާ ކުޑަކުޑަ މަޚްލޫޤެއްގެ ވާހަކަ ބުނެގެން ނޫންތަ! އޭ އިންސާނާ! ބޮޑާނުވޭ! މައިތިރިނުވާނަމަ މިކަހަލަ ކިތަންމެ އިމްތިހާނެއް ކުރިމަތިވާނެ.

    78