ކޮވިޑް-19 އެންމެ ފަސޭހަ އިން ޖެހޭ އަދި މަރުގެ "ތުންފަތް" މަތީގައި ތިބޭ އެއް ބަޔަކީ ނަރުހުންނާއި ޑޮކްޓަރުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ޑޮކްޓަރުންނާއި ނަރުހުން އެމީހުންގެ ފުރާނައަށް ނުބަލައި އެހެން މީހުން ސަލާމަތް ކޮށްދިނުމުގައި އުޅޭ މަންޒަރު އެއީ ގިނަ ބަޔަކު ލޮލުން ދެކެފައިވާނެ މަންޒަރެވެ.

އެފަދަ ވަގުތެއްގައި ވެސް ޑޮކްޓަރުންނަށާއި ނަރުހުންނަށް ބަލި މީހުންނަށް ފަރުވާ ދިނުމުގައި އަވަސްވެ ގަނެވޭނީ އެމީހުންގެ ވެސް ރައްކާތެރިކަމަށް އިސްކަމެއް ދީގެންކަން ޔަގީނެވެ. އެގޮތުން އެމީހުން ބޭނުންވާ ރައްކާތެރިކަމުގެ ސާމާނުގައި ތިބުމަކީ އެމީހުންގެ ސަލާމަތަށް ވެސް ރައްކާތެރި ކަމެކެވެ.

ނަމަވެސް މިއާ ހިލާފަށް އެމެރިކާގެ ނިއުޔޯކުގެ ޖަކޯބީ ހޮސްޕިޓަލުގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ރައްކާތެރިކަމުގެ ސާމާނު ފޯރުކޮށްދީފައެއް ނުވެއެވެ. އެކަމާއި ގުޅިގެން އެމީހުން ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި މަސައްކަތް ކުރާ ޑޮކްޓަރަކު ބުނެފައިވަނީ އެގޮތަށް ގައުމުގެ އިސްވެރިން އެމީހުން ބޭނުންވާ ރައްކާތެރިކަމުގެ ސާމާނު ނުދިނުމުން ހީވަނީ އެމީހުންގެ ފުރާނައަކީ ދުވަހަކު ވެސް ހަށިގަނޑާ ވަކިވެގެން ނުދާނެ އެއްޗެއް ގޮތުގައި ކަމަށެވެ.

ނަމަވެސް އެއީ އެކަން ހިނގާނެ ގޮތް ނޫން ކަމަށާއި އެ ހޮސްޕިޓަލަށް ކޮވިޑް-19 ޖެހިގެން އަންނަ ގިނަ ބަލި މީހުންނާ ކޮންޓެކްޓްވެފައި ތިބެނީ ސަލާމަތީ އެއްވެސް އެއްޗެއް ނުލައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ސަލާމަތީ ތަކެތި ނުދީ ހީވަނީ އަހަރުމެންގެ ފުރާނައަކީ ހަށިގަނޑާ ވަކިވެގެން ނުދާނެ ބަލި ނުޖެހޭނެ އެއްޗެއް ކަމަށް. މިހާތަނަށް އައި ގިނަ މީހުންނާއި ކޮންޓެކްޓް ކުރެވިފައިވަނީ އެއްވެސް ސަލާމަތީ ސާމާނެއް ބޭނުން ނުކޮށް. މިހާރު ހީވަނީ އެބަލި ހަށިގަނޑުގައި އުޅޭހެން" ޑޮކްޓަރަކު ކިޔައިދިނެވެ.

ޑޮކްޓަރު ބުނީ އޭނާއާ އެކީގައި މަސައްކަތް ކުރާ އުމުރުން 50 އަހަރުގެ ނަރުހެއްވެސް ކޮވިޑް-19 ޖެހިގެން މިދިޔަ ހަފްތާގައި މަރުވެފައިވާ ކަމަށާއި އެކަމަށް ބަލައިގެން އަދިވެސް ސަލާމަތީ ސާމާނު ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 277،522 އަށް އަރާއިރު މީގެ ތެރެއިން 100،000 މީހުންނަކީ ނިއުޔޯކުން ފެނިފައިވާ މީހުންނެވެ. މިހާތަނަށް މި ބަލި ޖެހިގެން އެގައުމުން 7،403 މީހަކު މަރުވެފައިވާއިރު، މި ގައުމަކީ ބަލި ފެތުރެން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މީހުން ބައްޔަށް ފައްސިވި ފުރަތަމަ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޯލް

    ފަލަސްތީންގެ ރައްޔިތުންވެސް ހާދަ އާދޭހެއްކުރެޔޭ. އެ އާދޭސް ތަކުގަ އެމީހުން ހޭދަކުރަމުންދާ ވީދުވަހެއް ޔަގީން ކަމާއެކު ބުނަންވެސް ނޭގޭ. އެމީހުންވެސް އާދޭސް ކުރަމުން ދަނީ. ރައްކާތެރި ކަމަށް އެދި. ސީދާ ވަކި ގައުމެއްގެ ނަން ނުބުންޏަސް ހަމަ އެމެރިކާގެ ކިބައިން ރައްކާތެރިކަމަށް އެދެނީ. މީ ވަރަށް ވާހަކަ.....