ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އިޓަލީން އިތުރު 681 މީހުން މަރުވެއްޖެއެވެ.

އިޓަލީ އަކީ މިހާތަނަށް ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ. މިއަދު އެޤައުމުން މަރުވި މީހުންނާއެކު މިހާތަނަށް މި ވައިރަސް ޖެހިގެން އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15362 އަށް އަރާފައެވެ.

ހިފެހެއްޓުމެއް ނެތި އިޓަލީގައި ވެސް މި ނުރައްކާތެރި ވައިރަސް ފެތުރެމުންދާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިޓަލީން އިތުރު 4805 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިއާއެކު އެޤައުމުން މި ވައިރަސް އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 124632 އަށް އަރާފައެވެ.

އިޓަލީއަކީ ދުނިޔެއިން ކޮވިޑް-19 ފެނުނު 205 ޤައުމުގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވެފައިވާ ޤައުމެވެ.

މި ބަލީގައި މިއަދު އެކަނި ވެސް އިޓަލީން އިތުރު 681 މީހަކު މަރުވިއިރު، މިއީ މިދިޔަ 12 ދުވަސްތެރޭގައި ވެސް އިޓަލީން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އެންމެ ދަށްވި ދުވަހެވެ. ނަމަވެސް މިދިޔަ 24 ގަޑިއިރު ތެރޭ އެޤައުމުން ފައްސިވި މީހުންގެ އަދަދަކީ ފާއިތުވެދިޔަ 5 ދުވަސްތެރޭގައި ވެސް މި އަދަދު އެންމެ ބޮޑަށް އިތުރުވި ދުވަސްކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އިޓަލީން ވައިރަސް ޖެހުނު މީހުންގެ ތެރެއިން 20996 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 3994 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ކަމަށް އެ އިދާރާތަކުން ބުނެއެވެ.

ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ޤައުމެއްގެ ގޮތުގައި އިޓަލީ އޮތްއިރު، ދެވަނައަށް އެންމެ ގިނަ ބަޔަކަށް މި ވައިރަސް ޖެހިފައިވަނީ ސްޕެއިން އިންނެވެ. އެޤައުމުން މިހާތަނަށް 124736 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އޭގެތެރެއިން 11744 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމަކީ އެމެރިކާއެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 300432 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން މަރުވި މީހުންގެ އަދަދު ވަނީ 8154 އަށް އަރާފައެވެ. މިއަދު އެކަނިވެސް އެމެރިކާއިން މި ބަލީގައި 750 މީހަކު މަރުވެފައި ވެއެވެ.