ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު 1،053 މީހަކު މަރުވެއްޖެއެވެ.

އެގައުމުން މިހާތަނަށް 7،560 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އަދި އެގައުމުން މި ބައްޔަށް 7،788 މީހުން ފައްސި (ޕޮޒިޓިވް) ވެފައިވާއިރު މުޅި ޖުމްލަ އެގައުމުން މި ބައްޔަށް 89،953 މީހަކު ވަނީ ފައްސިވެފައެވެ. ފާއިތުވި ތިން ދުވަހު ފްރާންސުން މި ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު ދަށްވި ނަމަވެސް އަނެއްކާވެސް މި ބައްޔަށް އެގައުމުން މީހުން ފައްސިވާ މީހުން މިވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 15،438 މީހުން ފްރާންސުން ރަނގަޅުވެފައިވާއިރު 6،838 މީހުންގެ ހާލަތު ސީރިއަސްއެވެ. ފްރާންސުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،053 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުކުރި ނަމަވެސް މީގެތެރެއިން 612 މީހުންނަކީ އެކި ދުވަސްމަތިން ނާސިން ހޯމް ތަކުގައި މަރުވެފައިވާ މީހުންނެވެ. އެހެންކަމުން 24 ގަޑިއިރުގެ ތެރޭގައި މަރުވެފައި ވަނީ 441 މީހުންނެވެ. މިއީ މީގެ ކުރީ ދުވަހާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން ދަށް އަދަދެކެވެ. އޭގެކުރީ ދުވަހު ނާސިން ހޯމްތަކުގައި 588 މީހުން މަރުވިއެވެ. އެ އަދަދާއި އެކު އެ ދުވަހުވެސް ފަރާންސުން ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު 1،120 އަށް އެރިއެވެ.

ނާސިން ހޯމްތަކުގައި މަރުވި މީހުންގެ އަދަދާއި އެކު މި މަހުގެ ދެވަނަ ދުވަހުގައި ފްރާންސުން ކޮވިޑް-19 އާ ގުޅިގެން މަރުވި މީހުންގެ އަދަދު 1،355 އަށް ވަނީ އަރާފައެެވެ. މީގެ ތިން ދުވަސް ކުރިން ނާސިން ހޯމްތަކުގައި މަރުވި މީހުންގެ އަދަދުތައް އެގައުމުން ހާމަކުރަން ފެށީ ވަރަށް ބޮޑަށް އެގައުމުގެ މީޑިއާތަކުގެ ފާޑުކިޔުންތައް އަމާޒުވުމުންނެވެ. މީޑިއާތަކުން ވަނީ މަރުވި މީހުންގެ އަސްލު އަދަދު ސަރުކާރަށް ނޭނގޭ ކަމަށެވެ. އަދި ސަރުކާރުން ބުނާ އަދަދުތައް ދިމާ ނުވާ ކަމަށްވެސް މީޑިއާތަކުން ހާމަކުރިއެވެ.

ފްރާންސުން މީގެކުރިން ބުނެފައިވަނީ ނާސިން ހޯމްތަކުގައި މަރުވި އެތައް ހާސް ބަޔަކު މަރުވި ސަބަބަކީ ކޮވިޑް-19 ކަމަށްވާ ނަމަ އެކަން ހާމަކުރަމުން ގެންދާނެ ކަމަށެވެ. މިހާތަނަށް ހާމަކޮށްފައިވާ ގޮތުގައި ނާސިން ހޯމްތަކުގައި ކޮވިޑް-19 ޖެހިގެން 1،600 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.