ކޮވިޑް-19 ޖެހިގެން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވަމުންދާ ގައުމަކަށް އެމެރިކާވެ، ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އިއްޔެ އެކަނިވެސް އެމެރިކާ އިން 1331 މީހަކު ވަނީ މަރުވެފައެވެ. މިއީ މީގެ ކުރިން އެއްވެސް ގައުމަކުން، އަދި އެމެރިކާ އިން އެއްދުވަސް ތެރޭގައި މީހުން މަރުވި އަދަދެއް ނޫނެވެ.

މީގެ ކުރިން އެމެރިކާ އިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވީ މިދިޔަ ބުދަ ދުވަހުއެވެ. އެދުވަހު 1049 މީހުން މަރުވިއެވެ. ދެން އެންމެ ގިނަ މީހުން މަރުވީ ހުކުރު ދުވަހު އެވެ. ހުކުރު ދުވަހު އެމެރިކާ އިން 1045 މީހުން މަރުވިއެވެ.

މިހާތަނަށް އެމެރިކާ އިން 311357 މީހުންނަށް ކޮވިޑް-19 ޖެހި އޭގެ ތެރެއިން 8452 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާ އިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވީ 14825 މީހުންނެވެ.

އިއްޔެ އެމެރިކާ އިން ވަނީ ރެކޯޑް އަދަދެއްގެ މީހުންނަށް ކޮވިޑް-19 ޖެހިފައެވެ. އިއްޔެ އެކަނިވެސް 34196 މީހުން މުޅިން އަލަށް އެމެރިކާ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވިއެވެ.

އެމެރިކާގެ ވަކިވަކި ސިޓީތަކަށް ބަލާއިރު އަދިވެސް އެންމެ ހާލަތު ގޯސް، އަދި އިތުރަށް ގޯސްވަމުންދާ ސިޓީއަކީ ނިއުޔޯކެވެ. ނިއުޔޯކުން މިހާތަނަށް 114775 މީހުން ފައްސިވެ، 3565 މީހުން ވަނީ މަރުވެފައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެ، މަރުވެފައި ވަނީ ނިއުޖާޒީންނެވެ. ނިއުޖާޒީން 34124 މީހުން ފައްސިވެ، 846 މީހަކު ވަނީ މަރުވެފައެވެ. މިޝިގަން އިން 14225 މީހުން ފައްސިވެ، 540 މީހަކު ވަނީ މަރުވެފައެވެ.

އެމެރިކާގެ ބައެއް ސްޓޭޓްތަކުން ވަނީ ބަލި މީހުންނަށް ބޭނުންވާ ވަރަށް ވެންޓިލޭޓަރު ނެތް ކަމަށާއި، އެހެންކަމުން ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެދިފައެވެ. ވެންޓިލޭޓަރު އެކަށީގެންވާ އަދަދަކަސް ނެތުމުން ނިއުޔޯކް، މިޝިގަން އަދި ލޫޒިއާނާ އިން ވެސް ވަނީ ބައެއް މީހުން މަރުވާން ދޫކޮށްލަން ޖެހިދާނެ ކަމަށް ބުނެފައެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ބުނީ ބައެއް ގަވަރުނަރުން މަސައްކަތް ކުރަމުން ގެންދަނީ ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެންޓިލޭޓަރު ހޯދަން ކަމަށެވެ.

އެމެރިކާގެ ބައެއް ސްޓޭޓްތަކުން ވެންޓިލޭޓަރާއި، ސިއްހީ އެހެން ބައެއް ސާމާނު ހުސްވާން ފެށުމުން ސްޓޭޓްތަކުން ވަނީ މައި ސަރުކާރުގެ އެހީއަށް އެދިފައެވެ. ނަމަވެސް ވައިޓްހައުސްގެ އިސް މަގާމެއް ފުރަމުން ގެންދާ ޓްރަމްޕްގެ ދަނބިދަރ ކުޝްނާ ވަނީ މައި ސަރުކާރުގައި ހުރި ސިއްހީ ސާމާނަކީ "އަހަރެމެންގެ އެއްޗެހި" ކަމަށް ބުނެފައެވެ. އޭނާ އެހެން ބުނި މައްސަލަ ބޮޑުވެ ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައެވެ.

އެމެރިކާގެ ބައެއް ސްޓޭޓްތަކުން ވެންޓިލޭޓަރު ހުސްވެ، އިތުރު ވެންޓިލޭޓަރަށް ބޭނުން ވެފައި ވާއިރު ކުރިއަށް އޮތް 100 ދުވަހުން އެމެރިކާގެ ކުންފުނިތަކަށް އުފެއްދޭނެ ކަމަށް ބެލެވެނީ 100000 ވެންޓިލޭޓަރެވެ. ނަމަވެސް އެއީ ބޭނުންވާ އަދަދާއި ގާތް ކުރާ އަދަދަކަށް ވެސް ނުވާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުނާފިގު

    އެއީ ބަފައިބެގެ ތަރިކަ....

    5
    3
  2. ކޮރި

    ޢަދިވެސް ބަލާތި މޮޅު މަނަވަރެއް ހެދޭތޯ! ނޫނީ އެހެން ގައުމަކަށް އަރާ ގައުމު ލޫޓުވާލެވޭތޯ! ތިމާމެން ވަރު ބަޔަކުނެތިގެން އުޅޭހެން! މިއަދު ކޯޗަކަށް މިވީ! މީވެސް ހަނގުރާމައެކޭ... ތިއުޅެނީ ކޮޅަކަށް ގުޑާނުލެވިގެން! ތީ ފެންވަރު!

    24
    2