މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވުހާން ސިޓީން ފެނުނު ނުރައްކާތެރި ބަލި، ކޮވިޑް-19 މީގެ އެތައް އަހަރެއް ކުރިން އިންސާނުންނަށް ޖެހިފައި އޮތުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތް ކަމަށް ސިއްހީ ބައެއް ތަޖުރިބާކާރުން ބުނަން ފަށައިފިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން މިހާތަނަށް 64،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1.2 މިލިއަނަށް އަރައިފައެވެ. ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި މިއީ ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާއެވެ.

މި ބައްޔާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި މިއީ ވާ އާއި ޖަނަވާރުތަކެއްގެ ޒަރިއްޔާ އިން އިންސާނުން ގަޔަށް އަރާފައިވާ ވައިރަހެކެވެ. އެކަމަކު، ބައެއް ސައިންސްވެރިން މިކަން ގަބޫލެއް ނުކުރެއެވެ. އެމީހުން ވަނީ މި ހޯދުންތަކާ މެދުގައި ވަރަށް ބޮޑަށް ސުވާލު އުފައްދައިފައެވެ.

މި ވައިރަސް ނުރައްކާވާ ވަރަށް ފެތުރެން ނުވަތަ ވައިރަސް ޖެހޭ މީހުން އިންތިހާ އަށް މަރުވާން ފެށީ މި އަހަރަށްވީ ނަމަވެސް މީގެކުރިން ވެސް މި ވައިރަހުގެ ޖަރާސީމް މީހުންގެ ގަޔަށް އަރާފައި ވެދާނެ ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މި ހޯދުންތައް ސައިންސްވެރިން ހޯދަން ފަށާފައި ވަނީ ބަލީގައި މަރުވަމުން އަންނަ މީހުންގެ އަދަދު ނިސްބަތުން ދުވަހަކަށްވުރެ ދުވަހެއް އިތުރުވާން ފެށުމާ ގުޅިގެންނެވެ.

ޓްލޭން ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިންގެ ޕްރޮފެސަރު ރޮބާޓް ގްރޭ އާއި ހަވާލާދީ ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބަލީގެ ސަބަބުން މީހުންނަށް ކުރާ އަސަރު ގަދަވާން ފެށީ ޑިސެމްބަރު މަހުގެ އައުޓްބްރޭކް އިން ފެށިގެންނެވެ. އަދި މީގެ ކުރިން ބަލި އުޅުނު ނަމަވެސް މި ބަލީގެ ގޮތް އެނގެން ނެތީ މީގެ ކުރިން ބަލި ދެނެގަނެވިފައި ނުވުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަހަރުމެންނަށް ބުނެވިދާނެ މިހާރު މި ބަލި އެންމެ ފުރަތަމަ އިންސާނަކަށް ޖެހިފައި ވަނީ މީގެ އެތައް އަހަރެއް ކުރިންނޭ،" ޕްރޮފެސަރު ރޮބާޓް ގްރޭ ވިދާޅުވިއެވެ.

ޕްރޮފެސަރ ގްރޭގެ އިތުރުންވެސް ބައެއް ސައިންސްވެރިން އަންނަނީ މިކަމާ ބެހޭ ގޮތުން ސުވާލު އުފައްދައި ތަހުލީލުތައް ކުރަމުންނެވެ.

މި ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާއިން ކަމުގައި ވީނަމަވެސް، މިހާރު އިޓަލީ އާއި އިނގިރޭސިވިލާތް ފަދަ ތަންތަނުގައި ކޮވިޑް-19 އަންނަނީ ހަލުވި ބާރުމިނެއްގައި ފެތުރެމުންނެވެ. މިހާތަނަށް އައިއިރު މި ބަލި 206 ގައުމަކުން ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޭކް

    ޑެއިލީ މެއިލްއަކީ އެއްވެސް ވަރަކަށް އިތުބާރު ނުކުރެވޭ ނޫހެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވޭ. ކިޔުންތެރިން މިކަމަށް ސަމާލުވެލައްވާ.

    3
    1