އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ބީޖޭޕީގެ މެމްބަރު ގޯތަމް ގަމްބީރް ދެ އަހަރުގެ މުސާރަ އެ ގައުމުގައި ހުޅުވާފައިވާ ކޮވިޑް-19 ފަންޑަށް ހަދިޔާކުރުމަށް ނިންމައިފިއެވެ.

ގަމްބީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމު ތިމާއަށް ކޮށް ދެނީ ކޮން ކަމެއްތޯ ވަރަށް ގިނަ މީހުން ސުވާލު ކުރާ ކަމަށެވެ. އެކަމަކު، އަސްލު ސުވާލަކަށް ވަނީ ގައުމަށް ތިމާކޮށްދޭނީ ކޮންކަމެއްތޯ ކަމަށް ވެސް އެ މެމްބަރު ވިދާޅުވިއެވެ. މި ހާލަތާ ގުޅިގެން އޭނާގެ ދެ އަހަރުގެ މުސާރަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަންޑަށް ހަދިޔާ ކުރައްވަން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ މީހަކު ވެސް ވީ ވަރަކުން އެހީތެރިވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ ވެރިކަންކުރާ ރަށަށް ނިސްބަތްވާ ގަމްބީރަކީ ކުރީގެ މަޝްހޫރު ކްރިކެޓް ތަރިއެވެ. އޭނާ ވަނީ އިންޑިއާގެ ކުރިން އޭނާ ތަމްސީލުކުރާ ދާއިރާގެ އެމްޕީ ލޯކަލް އޭރިއާ ޑިވެލޮޕްމަންޓް ފަންޑް (އެމްޕީއެލްއޭޑީ) އަށް 50 ލައްކަ ރުޕީސް ވެސް ހަދިޔާ ކުރައްވައިފައެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ކޮވިޑް-19 އަށް ހުޅުއްވި “ޕީއެމް-ކެއާޒް”ފަންޑަށް ދެ އަހަރުގެ މުސާރަ އެއްކޮށް ހަދިޔާކުރުމަށް ގަމްބީރު ނިންމާފައިވާއިރު އޭނާގެ މުސާރައަށް މަހަކު 100،000 ރުޕީސް ލިބެއެވެ. އޭނާ ލޯކް ސަބާގެ މެމްބަރަކަށް ނިމިދިޔަ އަހަރު އިންތިހާބުވި އިރު ގަމްބީރު ތަމްސީލު ކުރައްވަނީ އިރުމަތީ ދިއްލީގެ ގޮނޑިއެވެ.

ކޮވިޑް-19 ރޯގާ އާއި ގުޅިގެން ގައުމުތަކަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުން ކުޑަކޮށް މިކަމުން އަރައިގަތުމަށް ބައެއް ގައުމުތަކުގެ ވެރިން އަދި މިނިސްޓަރުން ވެސް ވަނީ އެ ބޭފުޅުންގެ މުސާރަ ކޮވިޑް ފަންޑަށް ހަދިޔާކުރެއްވުމަށް ނިންމަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު