ކޮވިޑް-19 ފެތުރެމުން އަންނާތީ އެ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އަވަށްޓެރި ސްރީލަންކާގައި ގިނަ އަދަދެއްގެ ގައިދީންތަކެއް ދޫކޮށްލައިފިއެވެ.

ލަންކާގެ ރައީސް، ގޮޓަބަޔާ ރާޖަޕަކްސަ ބުނެފައިވަނީ ފާއިތުވެގެން ދިޔަ ދެ ހަފްތާގައި އެގައުމުން 2،961 ގައިދީން ދޫކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް ދޫކޮށްފައި ވަނީ ޖަލުތައް ތޮއްޖެހިފައި އޮތުމުން ކޮވިޑް-19 ފެތުރުން ފަސޭހަވެގެން ދާނެތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިގޮތަށް ދޫކޮށްފައިވަނީ ހުކުމް ކޮށްފައިވާ މީހުންގެ ތެރެއިން ހުކުމުގެ ދެބައި ކުޅަ އެއްބައި ފުރިހަމަ ކޮށްފައިވާ ގައިދީންނާއި ކުޑަ އަދަބުގެ ގޮތުން ޖަލަށް ލައި އަދި ކަފާލާތުގެ ދަށުން ލާރި ނުދެއްކޭ މީހުން ކަމަށް ގޮޓަބަޔާ ވަނީ ބުނެފައެވެ.

މިގޮތަށް މިގައިދީން ދޫކޮށްފައިވަނީ ޝަރުތުތަކެއް ކޮށްފައި ކަމަށް ގޮޓަބަޔާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް 167 މީހަކު ރިޕޯޓް ކޮށްފައިވާއިރު މި ބަލި ޖެހިގެން އެގައުމުން މަރުވެފައިވަނީ 5 މީހެކެވެ. އަދި 29 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 5 މީހެއްގެ ހާލު ދެރަވެގެން އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ލަންކާއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބައިނަލްއަގްވާމީ ދަތުރުތައް ކެންސަލްކޮށް، މީހުން އެއްވެ އުޅޭ ތަންތަނަށް ޖަމާވުން ވަނީ މަނާ ކޮށްފައެވެ. މީގެ އިތުރުން އެގައުމުގައި ވަނީ ކާފިއުވެސް އިއުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އިންޑިޔާ ނާމޫނާއަށް ބަލާސަރުކާރަށް އާދޭހާއި އެެެކު ދަންނަވަން . މިޙާލަތުގައި ރ. ޔާމީން ދޫކޮށްލަދެއްވާ. އަދި މިދަނޑިވަޅުގައި ޤައުމާއި ރައްޔިތުން ޙާލުގައި ޖެެހުމުގެ ކުރިން އެމަނިކުފާނުގެ ލަފާފުޅާއި އިރުޝާދު ހޯއްދަވާ ސޯލިޙް ރައީސް. ކިތައްމެ ދެރަ މީހަކަށްވެސް ހުނަރެއް ލިބިފައި އޮވެދާނެކަން ޤަބޫލުފުޅު ކުރަށްވާ.. އަޅުގަނޑުގެ މަޢްލޫމާތު ކުށްކަމުގައިނުވާނަމަ ދުނިޔޭގެ އެކިތަންތާ މީގެ ކުރީގައިވެސް ކުށްވެެެެރިން އެމީހުންގެ ހުނަރުގެ ސަބަބުން ދޫކޮށް ލަފާ އެބަހުރި

    11
    1