ކޮވިޑް-19 ޖެހިގެން ފްރާންސުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފްރާންސުން ސަރުކާރުން ދެންމެ އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފްރާންސުން މަރުވީ 357 މީހުންނެވެ. ނަމަވެސް މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުން މަރުވި މީހުންގެ އަދަދެއް ނުހިމެނެއެވެ.

އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ކުރިން މަރުވެފައިވާ ބައެއް މީހުން މަރުވެފައި ވަނީ ކޮވިޑް-19 ޖެހިގެން ކަން ކަށަވަރުކޮށް އެމީހުންގެ އަދަދު ވަނީ މިއަދު އާއްމު ކޮށްފައެވެ. އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 161 މީހަކު މަރުވީ ކޮވިޑް-19 ޖެހިގެން ކަމަށް މިއަދު ނިންމާފައި ވެއެވެ. އެހެންކަމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދުގެ ގޮތުގައި މިއަދު އާއްމު ކުރި ޖުމްލަ އަދަދަކީ 518 އެވެ.

އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުން ކޮވިޑް-19 ޖެހުމުން މަރުވި މީހުންގެ އަދަދު އެއްކުރުމުން ފާއިތުވި ތިން ދުވަހު ފްރާންސްގައި މަރުވި މީހުންގެ އަދަދު ވަނީ ހާހަކަށްވުރެ އިތުރު ވެފައެވެ.

ފްރާންސް ސަރުކާރުން މިހާރު އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަދަކީ ފާއިތުވި ހަފްތާއެއް ތެރޭގައި އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

ފްރާންސުން މިއަދު ފައްސިވީ 2886 މީހުން ކަމަށް ފްރާންސުން ސަރުކާރުން ބުނެއެވެ. ފްރާންސުން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 92839 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވީ 16183 މީހުންނެވެ.

މިއީ މާޗް 21 އިން ފެށިގެން އެންމެ މަދުން ފްރާންސުން މީހުން ފައްސިވި ދުވަހެވެ.

މާޗް 17 ވަނަ ދުވަހުން ފެށިގެން ފްރާންސް ވަނީ މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ނަމަވެސް މިހާރު ރިޕޯޓްތައް ބުނާ ގޮތުގައި ފުރަބަންދު ކޮށްފައި އޮތް މުއްދަތު އިތުރު ކުރުން އެކަށީގެންވެއެވެ.