ފުރަތަމަ ފަހަރަށް ދުނިޔެއިން މިނިކާވަގެއް ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް ދުނިޔެއިން ފައްސިވި މިނިކާވަގު ފެނިފައިވަނީ އެމެރިކާގެ ނިއުޔޯކުގެ ޒުލެއް ކަމަށްވާ "ބްރޯންޒް ޒޫ" އިންނެވެ. އުމުރުން ހަތަރު އަހަރުގެ މި މިނިކާވަގު ބައްޔަށް ފައްސިވެފައިވަނީ، އިންސާނުންނަށް ވެސް ބަލި ޖެހުމަށް މެދުވެރިކުރާ ވައިރަސް އިންނެވެ. މި މިނިކާވަގަކީ އެ ޒުލުގައި އޮތް އެއްމާބަނޑު ދެ މިނިކާވަގު ތެރެއިން އެއް މިނިކާވަގެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާސް ނޭޝަނަލް ވެޓެރިނަރީ ސާވިސް ލެބޯޓްރީސް އިން ބުނެފައިވާ ގޮތުގައި މި މިނިކާވަގު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ވައިރަސްގެ އަލާމާތްތައް ފެނުމާއި ގުޅިގެން ހެދި ޓެސްޓުތަކުންނެވެ. މި މިނިކާވަގު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، މިނިކާވަގު ބްރޯންޒް ޒުލުގައި އޮތް އިތުރު ދެ މިނިކާވަގަކާއި ސިންގާއެއްގެ ގައިންވެސް މިފަދަ އަލާމާތްތަކެއް ފެނިފައިވާ ކަމެއް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

އެ ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި އިންސާނުންނެކޭ އެއްފަދައިން ކޮވިޑް-19 ޖެހުމުން މިނިކާވަގުގެ ނޭވާލާ ނިޒާމަށްވެސް ވައިރަސް އިން ގެއްލުން ދެއެވެ. މި ޒުލުން ވައިރަސްގެ އަލާމާތްތައް ފެނި، ނޭވާލާނިޒާމުގެ މައްސަލަތައް ދިމާވެފައިވާ އެހެން ޖަނަވާރުތައްވެސް ޓެސްޓު ކުރުމަށް މިހާރު ސާމްޕަލް ނަގާފައިވާ ކަމަށް ވެއެވެ.

ކޮވިޑް-19 އަށް ފައްސިވި މިނިކާވަގު

މިކަމާއި ގުޅޭގޮތުން ނޫސްތަކަށް މަޢުލޫމާތުދިން އޮފިޝަލަކު ބުނެފައިވަނީ، އިންސާނުންނާއި ޚިލާފަށް މި ވައިރަސް އިން މިނިކާވަގުފަދަ ޖަނަވާރުތަކަށް ގެއްލުންދޭ މިންވަރު ދަށްވެދާނެ ކަމަށެވެ. އެއީ މިފަދަ ޖަނަވާރުތަކުގެ ހަށިގަނޑުގައި ވައިރަސް އުފެދި އާލާވާ މިންވަރާއި އިންސާނުންނާއި ތަފާތުވުމުން ކަމަށް އޭނާ ބުނެފައި ވެއެވެ.

ބްރޯންޒް ޒުލުން ކޮވިޑް-19 އަށް ފައްސިވެފައިވާ މިނިކާވަގެއް ފެނިފައިވީ ނަމަވެސް، ޒުލުގައި މަސައްކަތްކުރާ މީހެއްގެ ހަށިގަނޑުން މި ވައިރަސް އަށް ޝައްކުކުރެވޭ އަލާމާތެއް އަދި ފެނިފައި ނުވެއެވެ. ނަމަވެސް މިކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ކޮވިޑް-19 އަށް ފައްސިވެފައިވާ މިނިކާވަގެއް އެމެރިކާއިން ފެނިފައިވާއިރު، އެޤައުމަކީ އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވި ޤައުމެވެ. މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ފެނުނު 208 ޤައުމުގެ ތެރެއިން އެމެރިކާއިން އެކަނިވެސް 333173 މީހަކަށް ވައިރަސް ޖެހިފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 9536 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯދީ

    އަޅެ ޖަނަވާރުގެ މަސް ކައިގެން އިންސާނުންނަށް ކޮބަޑި 19 ޖެހޭ ވާހަކަ މިއޮތްހާ ދުވަހު ބުނީ. މިހާރު އިންސާނުންގެ ފަރާތުން ޖަނަވާރަށް. ޔަގީނޭ މިއީ ބައޮލޮޖިކަލް ހަތިޔާރެއްކަން. މިއުޅެނީ ދުނިޔޭގެ ބާރުގެ ތިލަފަތް ވަކިކޮޅަކަށް ބުރަކޮށްލަން. އަދި ފައިސާގެ އަގު ވައްޓާލާ ދުނިޔޭގެ އިޤްތިޞާދު ފުނޑާލަން. މިކަންކަން ދުނިޔޭގެ ވެރިންގެ ތެރެއިން އިންޑިއާއާއި ރާއްޖޭގެ ވެރިންނާއި އަދި ބާރުގަދަ އެހެން ގައުމުތަކަށް އެނގޭނެ.

    1
    1
  2. ސަލަފް

    އީރާނަށާއި ޗައިނާޔަށް ލޮޓިދޭން އުޅުނު މީހުންދޯ!

    15