ދުނިޔޭގެ ހުރިހާ ހިސާބެއްގައި ނުރައްކާތެރި ވައިރަސް ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އަވަށްޓެރި އިންޑިއާގައި ޑޮކްޓަރު ދިން ނަސޭހަތަށް ބީރު ކަންފަތެއް ދިން އަންހެނަކު މަރުވެއްޖެއެވެ.

އިންޑިއާގެ ގުޖުރާތުގައި އޮންނަ ސޫރާތަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ އަންހެނަކަށް ކޮވިޑް-19 ޖެހިފައިވާކަން ޑޮކްޓަރުންނަށް ޔަގީންވުމުން ޑޮކްޓަރުން ވަނީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓުވުމަށް ފަހުގައި ފަރުވާ ހޯދަން އެދިފައެވެ. ނަމަވެސް އެ އަންހެން މީހާ ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

ނަމަވެސް، އޭނާގެ ހާލު ގޯސްވުމުން، މި މަހުގެ 4ވަނަ ދުވަހު ވަނީ އަމިއްލަ އަށް ހޮސްޕިޓަލަށް ގޮސް ފަރުވާ ދޭން އެދިފައެވެ. ޑޮކްޓަރުން އެ އަންހެން މީހާ އަށް ފަރުވާ ދޭން މަސައްކަތް ކުރި ނަމަވެސް، އޭނާގެ ހާލު މާ ބޮޑަށް ގޯސްވެފައިވުމުން އޭނާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މަރުވި އަންހެން މީހާގެ ފިރިމީހާވެސް މިހާރު ކޮވިޑް-19 އަށް ފައްސި (ޕޮސިޓިވް) ވެފައިވާއިރު، އެ ހިސާބުގަނޑުގައި އުޅޭ އިތުރު ބަޔަކުވެސް ވަނީ ފައްސިވެފައެވެ. އިންޑިއާގައި މިހައިތަނަށް ޖުމްލަ 4،067 މީހަކު ވަައިރަހަށް ފައްސިވެފައި ވާއިރު ވައިރަހުގެ ޝިކާރަ އަކަށްވެ 109 މީހުން ވަނީ މަރުވެފައެވެ.

އެ ގައުމުގައި މި މަހުގެ 15 އާއި ހަމައަށް ޖުމްލަ 3 ހަފްތާގެ މުއްދަތަށް މުޅި ގައުމު ފުރަބަންދު (ލޮކްޑައުން) ކޮށްފައި ވާއިރު، އެކަމުގެ ސަބަބުން އިންޑިއާގެ އިގްތިސާދަށް އަންނަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ. މިގޮތުން ދުވާލެއްގެ މައްޗައް އެ ގައުމަށް 4 ބިލިއަން އެމެރިކަ ޑޮލަރުގެ ގެއްލުން ދަނީ ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު