އަވައްޓެރި އިންޑިއާއިން 32 މީހަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފަރުވާދެމުން ދަނިކޮށް މަރުވެ، އިތުރު ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

މިއީ ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް، އެއް ދުވަސްތެރޭ މިހާތަނަށް އިންޑިއާއިން އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

އިންޑިއާއިން މިއަދު މިބަލީގައި ގިނަ ބަޔަކު މަރުވެފައިވާއިރު، މިއަދު މިހާތަނަށް ވައިރަސް އަށް ފައްސިވި މީހުންގެ އަދަދު 25 އަށް އަރައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ނުރައްކާ އިންޑިއާއަށް ވެސް ބޮޑުވަމުން އަންނައިރު، އެޤައުމުގައި މި ވައިރަސް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިހާތަނަށް އިންޑިއާއިން ޖުމްލަ 4314 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން 118 މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދާތީ އެޤައުމުގައި ރައްކާތެރިކަމުގެ ކަންކަން ވަނީ އިތުރުކޮށްފައެވެ. އެގޮތުން މުޅި ޤައުމު ފުރަބަންދުކުރަން އެޤައުމުގެ ސަރުކާރުން އޮތީ ނިންމާފައެވެ. ނަމަވެސް އެޤައުމުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުން މި ދަނީ ސަރުކާރުގެ އެންގުމާއި ޚިލާފުވެ އެޤައުމުގެ ހައްދުފަހަނައަޅާފައިވާ ހިންދޫ ދީނުގެ މީހުން އެއްވުންތައް ބާއްވަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.

އިންޑިއާގެ މުމްބާއީގެ ހޮސްޕިޓަލެއްގެ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް-19 އަށް ފައްސިވެގެން މިއަދު ބަންދުކޮށްފައި ވެސް ވެއެވެ. އެ ހޮސްޕިޓަލް ބަންދުކޮށްފައި ވަނީ ހޮސްޕިޓަލުގެ 26 ނަރުހަކާއި ތިން ޑޮކްޓަރަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިންޑިޔާއިން

    އިންޑިޔާގެ ހާލަތު ވަރަށް ދަށް ، އެމީހުން ބުނާ އަދަދަށް ވުރެ ގިނަމީހުން ޕޮޒިޓިވް ވެފާ ކަމަށް ވަނީ، ސަރުކާރުން އިންޑިޔާ ސަރުކާރާ މަޝްވަރާ ކޮށްގެން ފުލައިޓް ހަމަޖައްސައިިދީ، ބެންގަލޯ، މައިސޫރު މިސިޓީ ތަކުގަ ޕޮޒިޓިވް ވާ މީހުން އިތުރުވަނީ، ސަރުކާރުން މިކަން ކޮށްދީ، ގައުމަށް ދެވޭނެ ގޮތެއް ހައްދަވައިދެއްވާ!

    6
    2