ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފަރުވާދެމުން ދަނިކޮށް ބެލްޖިއަމް އިން އިތުރު 185 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް ބެލްޖިއަމް އިން މިއަދު ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، މިއީ މި ބަލީގައި އެޤައުމުން ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ފަހަރެވެ. އެޤައުމުން މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ މިދިޔަ މާރިޗު 31 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް އެޤައުމުން 192 މީހަކު ވަނީ މަރުވެފައެވެ.

ބެލްޖިއަމް އަކީ މިހާތަނަށް ދުނިޔެއިން 11 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ. އަދި މި ބަލީގައި ދުނިޔެއިން 9 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީވެސް ބެލްޖިއަމް އިންނެވެ. ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ބެލްޖިއަމް އަކީ މިއަދުގެ މިހާތަނަށް ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މިއަދު ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމުވެސް މެއެވެ.

އެޤައުމުން މިއަދު އެކަނިވެސް ކޮވިޑް-19 އަށް އިތުރު 1123 މީހަކު ފައްސިވެފައި ވާއިރު، މިހާރު އެޤައުމުން މި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު 20814 އަށް އަރައެވެ. އެޤައުމުން މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1632 އަށް އަރާފައެވެ.

ބެލްޖިއަމް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 3986 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ސީރިއަސް ހާލުގައި 1257 މީހަކަށް އެޤައުމުގައި ފަރުވާދެމުން ދެއެވެ.

ބެލްޖިއަމް ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 208 ޤައުމަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު 1.2 މިލިއަނަށްވުރެ މަތީގައި އުޅޭއިރު، މަރުވި މީހުންގެ އަދަދު 70000 އަށް އަރައެވެ.