ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ސްޕެއިންވެސް މަރުވާ މީހުންގެ އަދަދު މަދުވާން ފަށައިފިއެވެ.

އެޤައުމަކީ ފާއިތުވެދިޔަ ދުވަސްތަކުގައި މި ވައިރަސް އެންމެ ބޮޑަށް ފެތުރި، އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވަމުންދިޔަ އެއް ޤައުމެވެ.

ފާއިތުވެދިޔަ ދުވަސްތަކާއި އަޅައިބަލާއިރު މިއަދު ސްޕެއިން އިން މަރުވި މީހުންގެ އަދަދު މަދު ވެފައިވާއިރު، އެޤައުމުން މިދިޔަ 24 ގަޑިއިރުތެރޭ 637 މީހަކު މަރުވެފައި ވެއެވެ. މިއީ މިދިޔަ ދެހަފްތާ އަށް ބަލާއިރު ސްޕެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އެންމެ ދަށްވި ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. އިއްޔެ އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދަކީ 694 އެވެ.

ދުނިޔެއިން ކޮވިޑް-19 ފެނުނު ޤައުމުތަކުގެ ތެރެއިން ފާއިތުވެދިޔަ ދުވަސްތަކުގައި މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑު އެއް ޤައުމުކަމަށްވާ ސްޕެއިން އިން މިދިޔަ ފަސް ދުވަހުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި، މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށާފައެވެ.

ފާއިތުވެދިޔަ ދުވަސްތަކާއި އަޅާބަލާއިރު ސްޕެއިން އިން މިދިޔަ 24 ގަޑިއިރު ތެރޭގައި މަރުވި މީހުންގެ އަދަދު ދަށްވީނަމަވެސް، އެޤައުމަކީ މި ބަލީގައި ދުނިޔެއިން މިއަދުގެ މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވެ، މި ބައްޔަށް އެންމެ ގިނަ ބަޔަކު މިއަދު ފައްސިވި ޤައުމެވެ. އެގޮތުން މިއަދު އެކަނިވެސް އެޤައުމުން 3386 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އެއާއެކު ވައިރަސް ޖެހުނު މީހުންގެ އަދަދު އެޤައުމުގައި ވަނީ 135032 އަށް އަރާފައެވެ.

މިއަދުގެ މިހާތަނަށް ސްޕެއިން އިން 414 މީހަކު ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވެއެވެ. އެހެންކަމުން މިހާރު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ ވަނީ 13055 އަށް އަރާފައެވެ.

ސްޕެއިންގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 40437 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި އެޤައުމުގައި މި ބަލި ޖެހިގެން ސީރިއަސް ހާލުގައި 6931 މީހަކަށް ފަރުވާދެމުން ދެއެވެ.

ސްޕެއިން އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައިވާ ޤައުމުވެސް މެއެވެ. ދުނިޔެއިން އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވެފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން މިހާތަނަށް ޖުމްލަ 336851 މީހަކަށް ވައި ރަސް ޖެހިފައި ވެއެވެ. މި ބަލީގައި ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ޤައުމަކީ އިޓަލީ އެވެ. އެޤައުމުން މިހާތަނަށް 15887 މީހަކު މި ވައިރަސްގެ ސަބަބުން މަރުވެފައި ވެއެވެ.

މިހާތަނަށް ދުނިޔޭގެ 208 ޤައުމަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު 1.2 މިލިއަނަށްވުރެ މަތީގައި އުޅޭއިރު، މަރުވި މީހުންގެ އަދަދު 70000 އަށް އަރައެވެ.