ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މިއަދު ވެސް 439 މީހަކު މަރުވެއްޖެއެވެ.

މިއަދަކީ ފާއިތުވި ހަދުވަސް ތެރޭގައި ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

މިއަދު އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ އަދަދު ވެސް ވަނީ މަދު ވެފައެވެ. މިއަދު ފައްސިވީ 3802 މީހުންނެވެ. އިއްޔެ 5903 މީހަކު އިނގިރޭސިވިލާތުން ފައްސި ވިއެވެ.

މިހާތަނަށް އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު ވަނީ 5373 އަށް އަރާފައެވެ. އަދި ފައްސިވި މީހުންގެ ޖުމްލަ ވަނީ 51608 އަށް އަރާފައެވެ.

އިނގިރޭސިވިލާތުގެ ސިޓީތަކަށް ބަލާއިރު އަދިވެސް އެންމެ ހާލަތު ގޯހީ ލަންޑަންގައެވެ. ލަންޑަނުން މިއަދު ވެސް 129 މީހަކު ވަނީ މަރުވެފައެވެ. ދެން އެންމެ ގިނަ މީހުން މަރުވީ މިޑްލޭންޑުންނެވެ. އެސަރަހައްދުން 75 މީހަކު އަދި ޔޯކްޝަޔާ އިން 67 މީހަކު ވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ ކޮވިޑް-19 އާލާސްކަންފުޅާއި ގުޅިގެން އެނދުމަތި ކޮށްފައެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި ނަމަވެސް ވަރަށް ހުން ގަދަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސިވިލާތުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއަދު އެގައުމުން ކޮވިޑް-19 ޖެހުނު މީހުންނާއި މަރުވި މީހުންގެ އަދަދު މަދުވި ނަމަވެސް އެގައުމުގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށް ބުނަން އަދި ދަތި ކަމަށެވެ.

އިނގިރޭސިވިލާތަކީ އެންމެ ބާރަށް ކޮވިޑް-19 ފެތުރެން ފެށި އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު