ކޮވިޑް-19 އިން ޖެހިގެން އިޓަލީވިލާތުން މަރުވާ މީހުންގެ އަދަދު އިއްޔެ އަށްވުރެ މިއަދު އަނެއްކާވެސް އިތުރުވެއްޖެއެވެ.

އިއްޔެ އެގައުމުން 525 މީހަކު މަރުވި ނަމަވެސް މިއަދު ވަނީ 636 މީހަކު މަރުވެފައެވެ. މިހާރު އިޓަލީވިލާތުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 16523 އަށް އަރާފައެވެ.

މިއަދު އިޓަލީވިލާތުން ފައްސިވީ 3599 މީހުންނެވެ. މިއަދަކީ ފާއިތުވި 20 ދުވަހުގެ ތެރޭގައި އެންމެ މަދުން އިޓަލީވިލާތުން މީހުން ފައްސިވި ދުވަހެވެ. މިހާރު އެގައުމުން ފައްސިވި މީހުންގެ އަދަދު ވަނީ 132547 އަށް އަރާފައެވެ. މިހާތަނަށް އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 22837 މީހަކު ވަނީ ރަނގަޅު ވެފައެވެ.

އިޓަލީވިލާތުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ފުރަތަމަ އެގައުމުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން ދިޔައިރު ބައްޔަށް ފައްސިވަމުން ދިޔަ މީހުންގެ އަދަދާއި ބަލާއިރު މިހާރު މީހުން ފައްސިވާ އަދަދު ވަނީ 2.8 އިންސައްތަ ދަށަށް ގޮސްފައެވެ.

އިޓަލީވިލާތުގައި ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ވެސް މިއަދު ވަނީ ދަށަށް ގޮސްފައެވެ. މިހާރު ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހާލު ސީރިއަސް ވެގެން އައިސީޔޫގައި ފަރުވާ ދެމުން ގެންދަނީ 3898 މީހުންނެވެ. މިއަދަކީ އައިސީޔޫގައި ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ޖެހިޖެހިގެން ދަށަށް ދިޔަ ތިން ވަނަ ދުވަހެވެ. އިއްޔެ އައިސީޔޫގައި 3977 މީހަކަށް ފަރުވާ ދިނެވެ. ހޮނިހިރު ދުވަހު 3994 މީހަކަށް އައިސީޔޫގައި ފަރުވާ ދިނެވެ.

އިޓަލީ ސަރުކާރުން މިއަދު ބުނީ ބަލި ޖެހެމުންދާ މީހުންގެ އަދަދުތައް މަދުވަމުން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް އަދި އޮތީ ނުރައްކާތެރި ހާލަތެއް ކަމަށާއި، އެއްވެސް ކަމެއް ފަސޭހަ ކޮށްލައިފިނަމަ މަންޒަރު ބަދަލުވެދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު