މުޅި ދުނިޔެއަށް ކޮވިޑް-19 ގެ ބިރުވެރިކަން ފެތުރި، ޑޮކްޓަރުންނާއި ނަރުހުން ބޭނުންވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ފްލޮރިޑާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުންނާއި ނަރުހުން ގެއަށް ފޮނުވަން ފަށައިފިއެވެ.

އެމެރިކާގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން 350000 އަށް ވުރެ ގިނަ މީހަކު ރިޕޯޓް ކޮށްފައިވާއިރު، ފްލޮރިޑާގައި މި ބަލި ޖެހިގެން މިހާތަނަށް 12350 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެ ސިޓީން 221 މީހަކު ވަނީ މަރުވެފައެވެ.

ޖެކްސަން މެމޯރިއަލް ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ބުނެފައިވަނީ އެމީހުން އަމިއްލަޔަށް ޗުއްޓީ ނަގަން ނިންމާފައިވާއިރު، ބައެއް ހެލްތް ޕްރޮފެޝަނަލުން މުސާރަ ނުހިނގާ ގޮތަށް ގެއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. މުވައްޒަފުން ގެއަށް ނިންމާފައިވަނީ ކީއްވެ ކަން ބުނެދޭން ދަތި ކަމަށް އެމީހުން ވަނީ ބުނެފައެވެ.

"މުވައްޒަފުން ފޮނުވާލުމަށް ނިންމާފައިވަނީ ކީއްވެ ކަމެއް ނޭނގޭ. އެހެން ގައުމުތަކުގެ ސަރުކާރުން އަންނަނީ ހޮސްޕިޓަލްތައް ވީހާވެސް ގިނައިން ހެލްތް ޕްރޮފެޝަނަލުން ބޭނުންވާ ކަމަށް ބުނަމުން. އެކަމަކު މިއީ އޭގެ އިދިކޮޅު. ގިނަ ބަލި މީހުންތަކެއް މަރާއި ހަނގުރާމަ ކުރަމުން އަންނައިރު ބައެއް ހެލްތް ވޯކަރުން ގެއަށް ފޮނުވަނީ" ހޮސްޕިޓަލުގެ މުވައްޒަފަކު ބުނެފައިވއެވެ.

ބައެއް މުވައްޒަފުން ގަބޫލު ކުރާ ގޮތުގައި މިގޮތަށް ނިންމާފައިވަނީ ހޮސްޕިޓަލްގެ އާމްދަނީ ދަށްވެގެން އުޅޭތީއެވެ. އަދި މިގޮތަށް ހަދާފައިވަނީ އެންމެ ހޮސްޕިޓަލެއްގައި ނޫން ކަމަށާއި ގިނަ އަދަދެއްގެ ހޮސްޕިޓަލުތަކުގައި މިގޮތަށް މުސާރަ ނުހިނގާ ގޮތަށް ބައެއް މުވައްޒަފުން ވަނީ ފޮނުވާފައި ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

މުވައްޒަފުން ގެއަށް ފޮނުވާލަމުން ދަނީ މުސާރަ ދެވޭނެ ވަރުގެ އާމްދަނީއެއް ހޮސްޕިޓަލްތަކަށް ނުލިބޭތީ ކަމަށް ބައެއް ރިޕޯޓްތައް ބުނި ނަމަވެސް އެއްވެސް ހޮސްޕިޓަލަކުން އަދި އެކަން ކަށަވަރު ކޮށެއް ނުދެއެވެ.

މުޅި ދުނިޔެއަށް މި ވައިރަސް ފެތުރިފައިވާއިރު، މި ބަލި ޖެހިގެން އެންމެ ގިނަ މީހުން މިހާތަނަށް ބަލި ޖެހިފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު އެގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10،000 އަށް އަރާފައެވެ. ގިނަ ޑޮކްޓަރުންނާއި ނަރުހުން ތިބެނީ އެމީހުންގެ ޒަރޫރީ މަސައްކަތް ހުއްޓާލައި ބަލި މީހުންނަށް ފަރުވާ ދިނުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތަންތަނުގެ ވެރިންނަށް މޮޔައިން އައްޔަނުކުރީމާ ވާނީ ތިހެން! މި ރާއްޖޭގައިވެސް ހުންނާނެ ތިކަހަލަ އެއްޗެއް!