ކޮވިޑް-19 ޖެހިގެން ފްރާންސުން އިއްޔެ މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވުމަށް ފަހު، މިއަދު ހާލަތު ގޯސްވެ އިތުރު 833 މީހަކު މަރުވެއްޖެއެވެ.

މީގެ ތެރޭގައި ހިމެނެނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހޮސްޕިޓަލްތަކާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުގައި މަރުވި މީހުން ހިމެނޭ ކަމަށް ފްރާންސްގެ މީޑިއާތަކުން ބުނެއެވެ.

"އަލްޖަޒީރާ" އިން ބުނީ ފާއިތުވި ދެހަފްތާ ތެރޭގައި މަރުވި އެންމެ އަދަދު އިއްޔެ ރިޕޯޓް ކުރުމަށްފަހު މިއަދު މަރުވި އަދަދާއި ބަލާއިރު އަނެއްކާވެސް 10 އިންސައްތަ ހޮސްޕިޓަލްތަކުގައި މަރުވި މީހުން އިތުރުވެފައިވާ ކަމަށެވެ. މީހުން ބަލަހައްޓާ ތަންތަނުން މަރުވި މީހުންގެ އަދަދު ވެސް އިއްޔެ އަށް ވުރެ 10 އިންސައްތަ އިތުރެވެ.

މިހާތަނަށް ފްރާންސުން މަރުވި މީހުންގެ އަދަދު ވަނީ 8911 އަށް އަރާފައެވެ.

ފްރާންސުން މިއަދު ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު ވެސް ބޮޑުތަނުން ވަނީ އިތުރުވެފައެވެ. މިއަދު 5171 މީހުން އިތުރަށް ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ މިހާރު ވަނީ 98010 އަށް އަރާފައެވެ. އިއްޔެ ފްރާންސުން ފައްސިވީ 2886 މީހުންނެވެ.

"ފްރާންސް24" އިން ބުނާ ގޮތުގައި މިއަދު 605 މީހަކު ހޮސްޕިޓަލްތަކުގައި ވަނީ މަރުވެފައެވެ. އަދި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ނާސިން ހޯމްތަކުން 228 މީހުން ވަނީ މަރުވެފައެވެ.

ފްރާންސްގެ އޮފިޝަލުން ވިދާޅުވީ ތަފާސް ހިސާބުތަކަށް ބަލާއިރު އެނގެނީ އަދިވެސް ފްރާންސް އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، މި ބަލިމަޑުކަމުން އަރައިގަންނަން އުޅޭ މަންޒަރު އަދި ނުފެންނަ ކަމަށެވެ.