ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ ބައެއް ސިޓީތަކުގައި ހުރިހާ ގަޑިއެއްގައި ކާފިއު ހިންގަންށާއި ފުރަބަންދު (ލޮކްޑައުން) ކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސައުދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓްރީން ބުނީ ވެރިރަށް ރިޔާޒާއި، ތަބޫކް، ދައްމާމް، ދަހްރާން، ހޮފޫފް، ޖިއްދާ، ޠާއިފް، ޤާތިފް އަދި ޚޮބަރްގައި ކާފިއު ހިންގާ އެސިޓީތައް ފުރަބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

މިއީ ކޮވިޑް-19 ކޮންޓްރޯލް ކުރަން ސައުދީ އަރަބިއްޔާގެ ސިއްހަތާއި ބެހޭ އޮފިޝަލުން ދެއްވާފައިވާ ލަފައާއި އެއްގޮތައް ނިންމި ނިންމުމެއް ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

ނަމަވެސް އަދިވެސް ބައެއް މަސައްކަތްތައް ކުރާ މީހުން ވަޒީފާއަށް ދިއުމުގެ ހުއްދަ ވަނީ ދީފައެވެ.

ކާފިއު އިއުލާން ކޮށްފައި އޮންނަ އިރު ހެދުނު 06:00 އާއި ހަވާރި 15:00 އާއި ދެމެދު ކޮންމެހެން ގަންނަން ބޭނުންވާ އެއްޗެހި ގަތުމަށް ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ވަނީ ދީފައެވެ.

ފުރަބަންދު ކޮށްފައި އޮންނަ ވަގުތުތަކުގައި ވެހިކަލެއްގައި ގެއިން ނިކުންނަ ނަމަ އެވެހިކަލެއްގައި ޑްރައިވަރާއި އެކު ދެން އިނދެވޭނީ އެންމެ މީހަކަށް ކަމަށް ވެސް ސައުދީ އަރަބިއްޔާގެ ސަރުކާރުން ބުނެއެވެ.

ބޭސްފިހާރަތަކާއި، ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ޕެޓްރޯލް ސްޓޭޝަންތަކާއި، ބޭންކްތަކުގެ ޚިދުމަތް އަދިވެސް ކުރިއެކޭ އެއްގޮތައް ލިބޭނެއެވެ. އަދި ޑެލިވަރީގެ ޚިދުމަތްތައް ވެސް މެދުކެނޑުމެއް ނެތި ލިބެމުން ދާނެއެވެ. ސައުދީ އަރަބިއްޔާގެ ސަރުކާރުން ވަނީ ހުރިހާ ރައްޔިތުން ވެސް ގޭގައި މަޑުކޮށް ޑެލިވަރީ ޚިދުމަތްތައް ބޭނުން ކޮށްގެން ކާބޯތަކެތި ގަތުމަށް އެދިފައެވެ.