ކޮވިޑް-19 ގެ އާލާސްކަންފުޅުގައި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ހާލުދެރަވުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރު ވަގުތީ ގޮތުން ހިންގުން ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް އާއި ހަވާލުކޮށްފިއެވެ.

ޖޯންސަންގެ އާލާސްކަންފުޅު ބޮޑުވުމުން މިހާރު ފަރުވާ ދެމުން ގެންދަނި އައިސީޔޫގައެވެ. އައިސީޔޫއަށް ބަދަލު ކުރުމުގެ ކުރިން ޖޯންސަން ވަނީ ސަރުކާރު ހިންގުމާއި ޑޮމިނިކް ހަވާލުވެ ވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ. ޖޯންސަންގެ އެދިވަޑައިގަތުމުގެ މަތިން މިހާރު ސަރުކާރު ހިންގުމާއި ހަވާލުވެ ވަޑައިގެން ހުންނެވީ ޑޮމިނިކްއެވެ.

އުމުރުފުޅުން 46 އަހަރުގެ ޑޮމިނިކް އަކީ ސިޔާސީ ދާއިރާގައި ޒަމާންވީ ބޭފުޅެއް ނޫނެވެ. އޭނާ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2000 ވަނަ އަހަރު އެވެ. ފުރަތަމަ އަދާކުރެއްވީ ހޭގްގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީގެ ވަޒީފާ އެކެވެ. އޭގެފަހުން ލަންޑަނަށް ވަޑައިގެން އިސްރާއީލާއި އަރަބި ގައުމުތަކުގެ ދެމެދުގައި އޮންނަ މައްސަލަތަކުގައި އިނގިރޭސި ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅަން ލަފާއަރުވާ ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވެވިއެވެ.

2006 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރަށް ޑޮމިނިކް އަދާކުރެއްވީ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ޗީފް އޮފް ސްޓާފްގެ މަގާމެވެ. އަދި ޝެޑޯ ހޯމް ސެކްރެޓަރީގެ މަގާމާއި ޝެޑޯ ސެކްރެޓަރީ އޮފް ޖަސްޓިސްގެ މަގާމު ވެސް ފުރުއްވެވިއެވެ.

ކޮންޒަވޭޓިވް ޕާޓީގެ ޓިކެޓްގައި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމަށް ޑޮމިނިކް ހޮވިވަޑައިގެންނެވީ 2010 ވަނަ އަހަރު އެވެ.

2015 ވަނަ އަހަރު ޑޮމިނިކް ވަނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ އަންޑާ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު އަދާކުރައްވާފައެވެ. 2017 ވަނަ އަހަރުގެ އާއްމު އިންތިޚާބުގައި ގޮނޑި ދިފާޢު ކުރެއްވި ފަހުން ކުރީގެ ބޮޑުވަޒީރު ތެރީސާގެ މޭ ވަނީ ޑޮމިނިކަށް ކޯޓް އެންޑް ޖަސްޓިސްގެ ސްޓޭޓް މިނިސްޓަރު ކަން ދެއްވާފައެވެ.

އޭނާ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރެއްވީ މިއަހަރުގެ ޖުލައި މަހުއެވެ.

ސަރުކާރު ހިންގުމާއި ޑޮމިނިކް ހަވާލުވެ ވަޑައިގެންފައި މިވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިނގިރޭސިވިލާތައް ކުރިމަތިވި އެންމެ ދަތި ދުވަސްވަރު އެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ދަތިވެ، ގައުމުގެ ސިއްހީ ނިޒާމް ވަނީ ބޮއްސުންލާފައެވެ. އެހެންކަމުން އޭނާގެ އެންމެ ފުރަތަމަ ޒިންމާ އަކީ މިހާރު ސިއްހީ ނިޒާމަށް ބޭނުންވާ ވަސީލަތްތައް ވީއެންމެ އަވަހަކަށް ހޯއްދެވުމެވެ.

ސަރުކާރު ހިންގުމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ޑޮމިނިކް އަދި ގައުމާއި މުހާތަބު ކުރައްވާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.