ކޮވިޑް-19 ޖެހިގެން ޗައިނާ އިން މީހަކު މަރުނުވެ އެއްދުވަސް ފާއިތުވެއްޖެއެވެ.

މިއީ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ޗައިނާ އިން ކޮވިޑް-19 ޖެހިގެން މީހަކު މަރުނުވެ 24 ގަޑިއިރު ފާއިތުވި ފުރަތަމަ ފަހަރެވެ.

ނަމަވެސް އިއްޔެ ވެސް ޗައިނާ އިން ވަނީ ކޮވިޑް-19 އަށް އަލަށް އިތުރު 32 މީހަކު ފައްސިވެފައެވެ. ޗައިނާ އިން ކޮވިޑް-19 އަށް މީހުން ފައްސިވުން އަދިވެސް ހުއްޓިފައި ނުވަނީ ކޮވިޑް-19 ފެތުރެމުންދާ ގައުމުތަކުގައި ތިބި ޗައިނާގެ ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ވެސް އެނބުރި ގައުމަށް ދާއިރު، އެމީހުންގެ ގައިން ބަލި ފެންނަމުން ދާތީއެވެ. އިއްޔެ ބަލި ޖެހުނު އެންމެންނަކީ ވެސް ޗައިނާ އަށް އެހެން ގައުމުތަކުން އެތެރެވި މީހުންނެވެ.

ކޮވިޑް-19 ޖެހިގެން ޗައިނަ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3331 އަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 81740 އަށް އަރާފައެވެ.

ކޮވިޑް-19 ޖެހިގެން ޗައިނާ އިން މިހާރު ފަރުވާ ދެމުން ގެންދަނީ 1242 މީހަކަށެވެ. އޭގެތެރެއިން 211 މީހެއްގެ ހާލު ސީރިއަސް ކަމަށް ޗައިނާގެ އޮފިޝަލުން މައުލޫމާތު ދެއެވެ.

ކޮވިޑް-19 ފެތުރުން ޗައިނާގައި ޖަނަވަރީ މަހު ކޮންޓްރޯލުން ނައްޓާލި ނަމަވެސް މިހާރު ޗައިނާ އިން ވަނީ ބަލި ކޮންޓްރޯލް ކޮށްފައެވެ. އަދި ޗައިނާގައި އެންމެ ބޮޑަށް ބަލި ފެތުރެމުން ދިޔަ ވޫހާން ފުރަބަންދު ކޮށްފައި އޮތް އޮތުމަށް ނިމުން ގެނެސް މާދަމާ އެ ސްޓޭޓް ހުޅުވާލާނެއެވެ. ވޫހާން ހިމެނޭ ހުބެއީ ޕްރޮވިންސް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ނަމަވެސް ބަލީގެ އަލާމާތްތައް ފެންނަން ނެތް މީހެއްގެ ކިބައިން ބަލި ފެތުރިގެން ދިއުމުގެ ބިރު ޗައިނާގައި ބޮޑެވެ. އެކަމަށް ވެސް ޗައިނާ އިން މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ. އަލާމާތްތައް ފެންނަން ނެތް ނަމަވެސް ބަލީގެ އަސަރު ހުރެދާނެ ކަމަށް ލަފާކުރެވޭ ހާހަކަށްވުރެ ގިނަ މީހުންގެ ހާލަތު ޗައިނާ އިން ގެންދަނީ މޮނިޓާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު